ސައްހަނޫން ކްރެޑިޓް ކާޑެއް ބޭނުން ކޮށްގެން މާލޭގެ އެކި ފިހާރަތަކުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި ބަޔަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންއެއްގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 43 އަހަރާއި ދެމެދުގެ އަށް މީހަކު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންނަކީ ތަފާތު ކުށްތަކުގެ ރެކޯޑްސް އޮންނަ އަށް މީހުން ކަމަށް ވިދާޅުވި ނަމަވެސް އެ މީހުނާއި ބެހޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމަ އެއް ނުކުރައްވަ އެވެ.

ޝަތީހް ވިދާޅުވީ އެ މީހުން ސައްހަނޫން އެ ކާޑު ބޭނުން ކޮށްގެން އަގުބޮޑު ވަރަށް ގިނަ ސާމާނު ގަނެފައިވާކަން މިހާރު އެނގިފައިވާ ކަމަށާއި ހަމަ އެކަނި އެތަކެތީގެ އަގަށް އެކަނި ވެސް ދެ ލައްކަ ރުފިޔާ އަރާ ކަމަށެވެ.

"އެ މީހުން އެ ކާޑު ބޭނުން ކޮށްގެން ގަނެފައި ހުރި ތަކެއްޗަށް ބަލާ އިރު ފަރުނީޗަރު، އަންނައުނު، ފަހާފޮށީ، ޓީވީ، ލެޕްޓޮޕް، އައިފޯން ފަދަ އަގުބޮޑު ތަކެތި ހިމެނޭ. އަދި މި މައްސަލަ އާ ގުޅުން ހުރި މީސްމީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރި އިރު އެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ގަނެފައި ހުރި ދެ ސޯފާސެޓް އައިޑެންޓިފައި ކުރެވި އެ ތަކެތި މިހާރު ވަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށައް ގެނެވިފައި،" ޝަތީހް ވިދާޅުވި އެވެ.

އެމީހުން ބޭނުންކުރި ސައްހަނޫން ކާޑުގެ ބޭރުގައި އިންނަ ނަމްބަރާ، ސްލިޕްގައި އިންނަ ނަމްބަރު ދިމާނުވާ ކަމަށް ވިދާޅުވެ ޝަތީހް ވިދާޅުވީ ޕީއޯއެސްގެ ޚިދުމަތްދޭ ފަރާތްތަކުން އެފަދަ ކަންކަމަށް އިތުރަށް ސަމާލުވެ ލެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ފުލުހުން މިހާރު ގެންދަވަނީ އެ މައްސަލަ އިތުރަށް ތަހްގީގު ކުރައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.