21 Feb 2013, 16:55
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި ހިންގާ "ހުޅުމާލެ ރޯހައުސް" މަޝްރޫއުގެ ދަށުން މި އަހަރު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 16 ރޯހައުސް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ބުނި ގޮތުގައި މިފަހަރުގެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ގެތަކަކީ ތިން ބުރިއަށް އިމާރާތް ކުރާ، ޖުމްލަ ތިން ކޮޓަރިއާއި ބަދިގެއަކާއި ސިޓިން ރޫމެއްގެ އިތުރުން މެއިޑް ރޫމެއް ހިމެނޭ ގޮތަށް ތަރައްގީ ކުރާ އިމާރާތްތަކެކެވެ. އަދި ގެތައް ފަރުމާކޮށްފައި ވަނީ ކޮންމެ ގެއެއްގެ ވެސް ގްރައުންޑް ފްލޯ ވިޔަފާރިއާއި އެފަދަ އެހެނިހެން ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.
މިފަހަރު އިމާރާތް ކުރުމަށް ހަމަޖައްސާފައިވާ 16 ރޯހައުސްގެ ތެރެއިން ބިމާއި ތަޅުމާ އެކު ކޮންމެ ރޯހައުސް އެއްގެ ޖުމްލަ ބޮޑު މިނަކީ 2289 އަކަފޫޓެވެ. އަދި އޭގެ ތެރެއިން ހަތް ރޯހައުސްގެ ތެރެއިން ޔުނިޓެއްގެ ޖުމުލަ އަގު އުޅެނީ 3.37 މިލިއަން ރުފިޔާ އަށެވެ. އަދި ނުވަ ރޯހައުސްގެ ތެރެއިން ކޮންމެ ރޯހައުސް އެއްގެ ޖުމުލަ އަގަކީ 3.23 މިލިއަން ރުފިޔާ އެވެ. އަދި ޑައުން ޕޭމަންޓްގެ ގޮތުގައި ކޮންމެ ރޯހައުސްއެއްގެ ޖުމުލަ އަގުގެ 20 އިންސައްތަ ދަކަން ޖެހޭ އިރު ދެގޮތަކަށް ޕޭމަންޓް ހެދުމުގެ ދޮރުވެސް ވަނީ ހުޅުވާލާފަ އެވެ.
އެއްފަހަރާ އަގު އަދާކޮށްގެން ރޯހައުސް ގަތުމާއި ބެންކް ލޯނު މެދުވެރިކޮށް އަގުދައްކާ ގޮތަށް ފުރުސަތު އޮތް އިރު އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް އިސްކަން ދެއްވާނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެއްގެ ގަތުމަށް ހުށަހެޅޭ ގޮތަށް އޮތް އިރު ރޯހައުސް ގަންނަން އެދި ހުށަހަޅާ ތަކެތީގެ ތެރޭގައި ރޯހައުސް ޕްރީ ބުކިންއަށްވާ 20000ރ. ގެ ބެންކް ގެރެންޓީ ޗެކަކާއި ގަންނަ ފަރާތުގެ ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި އަދި ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާ ނަމަ ޕަވާ އޮފް އެޓާނީ އޮންނަން ޖެހެ އެވެ.