ނޫސްވެރިނަށް ހަމަލާދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުހުންގެ ކިބައިންނާއި ނޫސްވެރިންނަށްދޭ ހަމަލާތައް ހުއްޓުވުމަށް ސިޔާސީ ޕާޓީތަކުގެ އަރިހުން މޯލްޑިވްސް މީޑިއާ ކައުންސިލް އިން އެދެފި އެވެ.

އެމްޑިޕީގެ މުޒާހަރާތަކުގައި ނޫސްވެރިންނަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި މީޑިއާ ކައުންސިލް އިން މިއަދު ބުނީ މުޒާހަރާތައް ކަވަރުކުރަން މަސައްކަތްކުރާ ނޫސްވެރިންނަށް ހަމަލާދޭ ފަރާތްތަކާ މެދު މޯލްޑިވްސް ޕޮލިސްސާވިސް އިން ހަލުވިކަމާ އެކު ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެކައުންސިލް އިން ބުނީ މުޒާހަރާތަކުގައި އެކި ފަރާތްތަކުން ނޫސްވެރިންނަށްދެވޭ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ހޯދުމުގެ ގޮތުން އެކަމަށް އެދި ސިޔާސީ ޕާޓިތަކުގެ އަރިހުން އެ ކައުންސިލް އިން އެދިފައިވާ ކަމަށެވެ. އަދި އެ ކައުންސިލުން އެގޮތަށް އެދިފައި ވަނީ ނޫސްވެރިންގެ ދައުރު އަދާކުރުންމަތީ ދެމިހުންނަނިކޮށް އެކިއެކި ފަރާތްތަކުން ނޫސްވެރިންނަށް ހަމަލާދިނުން އިތުރުވަމުން ދާތީ އެކަމަށް ހައްލެއް ގެނައުމަށް އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް މިއަދު އެ ކައުންސިލް އިން ފޮނުވި ސާކިއުލާ ނޯޓެއްގައި ކަމަށް އެކައުންސިލް އިން ބުނެ އެވެ.

ނޫސްވެރިންނަށް ދޭ ހަމަލާތަށް ހުއްޓުވުމަށް މީޑިއާ ކައުންސިލްއިން މަސައްކަތް ފަށާފައިވާ އިރު ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވާ ހުރިހާ ދުވަސްވަރެއްގައި ވެސް ނޫސްވެރިންނަށް އެކި ކަހަލަ ގޯނާތައްކޮށް ހަމަލާތައް ދެމުންދެ އެވެ. އެގޮތުން އެމްޑީޕީ އިން މިހާރު ފަށާފައިވާ ހަރަކާތްތަކުގެ ތެރޭގައި ވެސް އެކިއެކި ނޫސްވެރިންނަށް ތަފާތު އިންޒާރުތައް ދިނުމުގެ އިތުރުން ވީޓީވީގެ ދެ ނޫސްވެރިންނަށް ވަނީ ހަމަލާދީފަ އެވެ.