19:00


ހައްދުފަހަނައަޅާފައިވާ ބަޔަކު، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަށް ދީނުގެ ނަމުގައި، ތަކުރާރުކޮށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ނޫސްވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.


މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިވަންކަމާއެކު ހަބަރު ފަތުރާ އަދި ހިޔާލުފާޅުކުރާ ނޫސްވެރިންގެ އަބުރާ ބެހި އެފަދަ ނޫސްވެރިންނަށް ބިރުދައްކައި، ދީނުގެ ނަމުގައި އެފަދަ ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ފަހަކަށް އައިސް ދެމުން ގެންދާކަން އެ ޖަމިއްޔާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.


އެ ބަޔާނުގައި ވަނީ މިނިވަން ނޫސްވެރިއެއް ކަމަށްވާ ހިލްއަތު ރަޝީދަށް، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން މަރުގެ އިންޒާރު ދީ އަދި އޭނާ މަރާލުމަށް ގޮވާލައި ބައެއް ވެބްސައިޓުތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދީފައިވާ ޑިމޮކްރެސީއެއްގައި ބަލައިގަނެވިގެންނުވާނެ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.


އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު މިއަދު ވިދާޅުވީ ހިލްއަތަށް މަރުގެ އިންޒާރު ދީ، އޭނާގެ ބޯކަނޑާލައި މަރާލުމަށް ގޮވާލާފައިވާ ލިޔުމެއް މިދިޔަ ހަފްތާގައި މުރާސިލް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.


އެ މައްސަލައިގެ އިތުރުން، ބައެއް މީޑިއާތަކަށް މައުލޫމާތު ނުދިނުމަށް ގޮވާލައި ހިންގާ ހަރަކާތްތައް ވެސް ކުށްވެރިކުރާ ކަމަށް އެމްޖޭއޭގެ މިއަދުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.