މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރުމަށްޓަކައި ކޯލިޝަނެއް އެކުލަވާލުމުގެ ގޮތުން ޕީޕީއެމްއާއި ގައުމީ އިއްތިހާދް ޕާޓީ އާއެކު މަޝްވަރާކޮށްފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ރިޔާސީ އިންތިހާބާ މެދު ދެ ގޮތެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ނިންމާފައިވަނީ އެ ޕާޓީން ރިޔާސީ ކެނޑިޑޭޓެއް ނުނެރުމަށާއި ކޯލިޝަނެއް ހެދުމަށް ފަހު ރިޔާސީ އިންތިހާބަށް ތައްޔާރުވުން ކަމަށެވެ.

އިމްރާން ވިދާޅުވީ ކޯލިޝަން ހެދުމުގެ ގޮތުން ރޭގައި ޕީޕީއެމް އާއެކު މަޝްވަރާކޮށްފައިވާއިރު މިއަދު ގައުމީ އިއްތިހާދް ޕާޓީއާއެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މަޝްވަރާ މަޖިލީހުން ވަނީ ކޮމެޓީއެއް ނަންގަވާ އެކޮމެޓީއަށް ސިޔާސީ ޕާޓީތަކާއި އަދި ކެނޑީޑޭޓޫންނާއި މަޝްވަރާކޮށް ނުވަތަ އެބޭފުޅުންނާއި ނެގޯޝީއޭޓްކުރުމުގެ މެންޑޭޓެއް ނެގުނު ކޮމެޓީއަށް ވަނީ އަރުވާފަ،" އިމްރާން ވިދާޅުވިއެވެ.

ޕީޕިއެމާއި ގައުމީ އިއްތިހާދާއެކު އަދާލަތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތަފްސީލެއް އިމްރާން ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމްޑީޕީ ފިޔަވައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް ކޯލިޝަނެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"ޕާޓީގެ މަޝްވަރާ މަޖިލީހުން އަޅުގަނޑުމެން ދީފައިވާ މެންޑޭޓްދަށުން މަސައްކަތް ކުރަމުން މިދަނީ އެމެންޑޭޓާއި އެއްގޮތަށް ހުރިހާ ކެނޑީޑޭޓުންނާއި ޕާޓީތަކާއި މަޝްވަރާކޮށް، މި ހުރިހާ މަޝްވަރާތައް ކުރުމަށް ފަހުގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް އަޅުގަނޑުމެން ތައްޔާރުކުރާ ރިޕޯޓް ހުށައެޅުމާއެކު ޕާޓީއިން މިއަހަރުގެ ރިޔާސީ އިންތިހާބްގައި ޕާޓީ އޮންނާނެ ފަޅިއެއް ނުވަތަ ތާއީދު ކުރާނެ ކެނޑިޑޭޓެއް ނުވަތަ ޕާޓީ އެ ކޯލިޝަނާއެކު ތިބޭނެ ކޯލީޝަނެއް އަޅުގަނޑުމެން ނިންމާނަން،" އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީއިން މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަލިއަޅުވާލައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އެޕާޓީއިން އިއްޔެގެ ނިޔަލަށް 3000 ފޯމް އިލެކްޝަނަށް ހުށައަލާފައިވާ ކަމަށާއި އަދި މިއަންނަ އާދިއްތަ ދުވަހު 1000 ފޯމް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު އަދާލަތު ޕާޓީގައި ތިބީ 6028 މެމްބަރުންނެވެ.