ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ބަންދުގެ މުއްދަތު 36 ގަޑިއިރަށް ޖަހައިފި އެވެ.

ޝާންގެ ދިފާއީ ވަކީލު ވިދާޅުވީ ކުރިން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން މިއަދު މެންދުރު 1:00ގައި ފުލުހުން އޭނާ ކޯޓަށް ގެންދިޔުމުން ބަންދަށް އިތުރުކޮށްފައި ވަނީ 36 ގަޑިއިރު ކަމަށެވެ. އަދި އެ މުއްދަތު ހަމަވާން ކައިރިވުމުން ދެން މުއްދަތު ޖެހުމަށް އަންނަ ދުވަހަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކާ އެކު ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ޝާންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހައިދިނުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް އަންގާފަ އެވެ.

ޝާންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހ. ލޮބީ ހުސެއިން ހުމާމް އަހްމަދުގެ މައްސަލައާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ހުމާމްގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރުމަށް ފަހު ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައިފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް އަށް ވަދެވަޑައިގަންނަވަނިކޮށެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްސަލަވެސް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ. ނަމަވެސް އެކުއްޖާގެ މައްޗަށް ވެސް އަދި ދައުވާ ކޮށްފައެއް ނުވެއެވެ.