މިދިޔަ އަހަރުގެ ފެބްރުއަރީ 8 ގައި އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ޓެރަރަރިޒަމްގެ ދައުވާ އުފުލައިފައިވާ މީހުންގެ ޝަރީއަތް ކުރުމަށް 1.12 މިލިއަން ރުފިޔާގެ ބެޖެޓެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދިފައިވާގޮތުގެ މަތިން ހުޅުޖެހި މައްސަލަތަކުގެ ޝަރީއަތް ކުރުމަށް ބޭނުންވާ 1.12 މިލިއަން ރުފިޔާ ޑިޕާޓްމަންޓްގެ އެކައުންޓަށް އެ މިނިސްޓްރީން ޖަމާކޮށްދީފައި ވަނީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ބަޖެޓް ލިބުމާއެކު ޝަރީއަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން ފިޔަވައި އެހެން އެންމެންގެ ޝަރީއަތް ހެކިބަސް ނެގުމާ ހަމައަށް ގޮސްފައިވާ އިރު ހެކިބަސް ނެގެން އޮތީ އައްޑޫ ސިޓީ އަށް ކޯޓުން ގޮސްގެން ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ. އަދި ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ ޝަރީއަތް ފެށެން އޮތީ ވެސް އެ ރަށަށް ގޮސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ހުރި ދައުލަތުގެ އިމާރާތްތަކުގެ ތެރެއިން ހުޅުޖަހައި އަންދާލި ތަންތަނުގެ ތެރޭގައި ގަން ޕޮލިސް ސްޓޭޝަނާއި ފޭދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހުޅުދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކަމޮޑޭޝަން ބްލޮކްގެ އިތުރުން އެ ސިޓީގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިދާރާ ވެސް ހިމެނެ އެވެ. އަދި މީގެ އިތުން އެ ރަށު މީހަކު ހިންގާ ކޭފޭ އަކާއި ޕޮލިސް ސްޓޭޝަންތަކުގައި ބޭނުން ކުރަމުން ދިޔަ ހުރިހާ ވެހިކަލްތަކުގައި ވެސް ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.

ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގެ ތެރެއިން ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގައި ބޭނުންކުރަމުން ދިޔަ ހުރިހާ ވެހިކަލްތަކުގައި ހުޅުޖަހައި ވަނީ އަންދާލައިފަ އެވެ.