ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލިޓަރުގެ ދެ ހަމާއިއެކު އއ. ތޮއްޑޫން އިން ދެ މީހަކު ރޭ ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް އިންޑިއާ ދެ މީހުންނެވެ.

ފުލިހުން މިއަދު ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕްރޭޝަނެއްގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެ ދެހަން ފެނިފައި ވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ އެ ދެ މީހުން ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސް ކުރިއިރު އެ ކޮޓަރީގެ ތެރެއިން ކަމަށެވެ.

ރަސްދޫ ޕޮލިސް ސްޓޭޝަނުން މިހާރު އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.