21 Feb 2013, 14:37
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހަށް އަވަސްކޮށްފި އެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު ވިދާޅުވީ އިބްރާހިމް ދީދީގެ ޝަރީއަތް އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް އަވަސްކޮށްފައި ވަނީ އެކަމަށް އޭނާ ހުޅުމާލޭ ކޯޓުގައި އެދުމުން ކަމަށެވެ.
އޭނާގެ ޝަރީއަތް ކުރިން ޝެޑިއުލްކޮށްފައި އޮތީ ހޯމަ ދުވަހުގެ ހަވީރު 4:00 އަށެވެ.
އޮފިޝަލް ވިދާޅުވީ އިބްރާހިމް ދީދީގެ ޝަރީއަތް އަވަސްކުރި ނަމަވެސް ކުރިން ޝެޑިއުލްކޮށްފައި އޮތް ގޮތަށް ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތް އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 5:00 ގައި ކަމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ވެސް އެ މައްސަލައިގައި ވަނީ ދައުވާކޮށްފަ އެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކޮށްފައިވާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.