ސިޔާސީ މަސްރަހު ހަލަބޮލިވެފައި އޮތުމުން، ރާއްޖޭގެ ހާލަތު ބައްލަވާލެއްވުމަށް ކެނަޑާގެ އެކްޓިން ހައި ކޮމިޝަނަރު ރާއްޖެއަށް ޒިޔާރަތް ކުރައްވަން ނިންމައިފި އެވެ.

ކެނަޑާގެ އެކްޓިން ހައި ކޮމިޝަނަރު ރޮބަޓް މެކްޑޫގަލް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ރާއްޖޭގެ ހާލަތު ބައްލަވާލެއްވުމަށްފަހު އަންނަ ބުދަ ދުވަހު އެމަނިކުފާނު ފުރައިވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އިއްޔެ ވިދާޅުވީ ރޮބަޓް މެކްޑޫގަލް ރާއްޖެއަށް ވަޑައިގަންނަވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ހައި ކޮމިޝަން ތެރޭ ހުންނެވި މައްސަލައާ ގުޅޭ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

ކެނަޑާގެ ސަފީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އަންނަ އަންގާރަ ދުވަހު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީއާ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މަޖިލީހަށް އަންގާފަ އެވެ.

ރާއްޖޭގެ ހާލަތާ ގުޅިގެން ކެނަޑާގެ ސަފީރު ރާއްޖެއަށް ދަތުރުފުޅެއް ފައްޓަވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައި ކޮމިޝަންގެ ތެރެއަށް ވަޑައިގެން ހުންނެވި މައްސަލާގައި އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ ރާއްޖޭގެ ސިޔާސީ ފަރާތްތަކާ ދަނީ ބައްދަލު ކުރައްވަމުންނެވެ. އަދި ރާއްޖޭގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން އޮތް މިންވަރު ވަޒަން ކުރެއްވުމާއި 2008 ވަނަ އަހަރު ރާއްޖޭގައި ތަސްދީގު ކުރި އާ ގާނޫނު އަސާސީއާ ގުޅޭ ގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމު އޮމާންކަމާ އެކު ރަނގަޅަށް ހިނގާތޯ ބެއްލެވުން އދ.ގެ ހާއްސަ ސަފީރު ގަބުރިއެއްލާ ކުނާލް ވެސް ރާއްޖެއަށް ވަޑައިގެން އެބަހުންނެވި އެވެ.