21 Feb 2013, 14:06
މާލޭގެ އެއް ނަމް ބަރު ކުނިކޮށި ފުރިގެން އުދަގޫތައް ބޮޑުވެފައިވަނިކޮށް ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ކުރުމަށް ވަގުތީ ހައްލެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް އަށް މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދީފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ސަންއަށް މައުލާމާތު ދެއްވަމުން މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކައުންސިލާ ހަވާލުކުރުމަށް މިހާރު ކަނޑައަޅާފައިވާ އެފައިސާއަކީ އެކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ދީފައިވާ ފައިސާ ކަމަށާއި ކުނިކޮށި ހުސްކުރުމުގެ އަމަލީ މަސައްކަތް އެންމެ އަވަހަށް ވެސް ފެށޭވަރުވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
" 2008 ވަނަ އަހަރާ ހަމައަށް މުނިސިޕަލްޓީން ކުނި އުކަމުން ދިޔައީ ބަޖެޓްކޮށްގެން، ނަމަވެސް އޭގެ ފަހުން އެފައިސާ ކުޑަކުރަމުން ގޮސް މިދިޔަ އަހަރުން ފެށިގެން ކުނި އުކަމުން މިގެންދަނީ އެއްވެސް އިންތިޒާމަކާ ނުލައި، އޭގެ މާނައަކީ ކުނި ގިނަ ވީމަ ފިނޭންސުން ފައިސާ ދިނީމަ ކުނި އުކާ އުސޫލެއް މިހާރު މިއޮންނަނީ، އެގޮތުން އެންމެ ފަހުން ވެސް ކުނި ކޮށި ފުރިގެން އެކަން އެންމެންގެ ސަމާލުކަމަށް އައިމަ އަނެއްކާ ވެސް މިވަނީ އެކަމަށް ވަގުތީ ހައްލެއް ހޯދިފައި، ނަމަވެސް އެއީ އާއްމު އިންތިޒާމީ އުސޫލަކަށް ނުވޭ،" ސުުޖާއު ވިދާޅުވި އެވެ.
ދާދިފަހުން މާލޭގެ ކުނި ކޮށީގެ ބައެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުން އަރަމުން ގެންދާ ދުމުގެ އުނދަގޫ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުރުން އިމާދުއްދީން ސްކޫލުގައި ކިޔަވާ ކުދިންނަށް ވެސް ބޮޑުވެފައިވާއިރު އެސްކޫލްގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ.
ސުޖާއު ވިދާޅުވީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް އެންމެ އަގުހެޔޮކޮށް ކޮށްދިނުމަށް އެއްބަސްވެފައިވަނީ ކުރިން ވެސް ސިޓީ ކައުންސިލުން އެމަސައްކަތް ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ބީއެމްސީ ކުންފުނިން ކަމަށާއި އެމީހުންނަށް ވެސް އެމަސައްކަތް ފެށޭވަރު ވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި އިމާދުއްދީންގެ ސްކޫލްގެ ކިޔެވުމަށް މިވަގުތު ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ވީހާ ވެސް އަވަހަކަށް އެމައްސަލަ ހައްލުކުރުމަށް ސްކޫލާ އެކު ވާހަކަ ދެކެވިފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
"މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެކަން ކުރާނަމަ އަދި އެކަމަށް ހައްލެއް ހޯދަން ނަގާނެ ދެ ހަފްތާ ވަރު، އެހެންވެ ފިނޭންސަށް ލިބިދީފައިވާ ގާނޫނޫ އިހުތިޔާރުގެ ދަށުން އިޢުލާން ކުރުމެއް ނެތި އަވަސް ހައްލެއް ހޯދުމަށް ބަޔަކާ ހަވާލުކޮށްގެން އެމަސައްކަތް ކުރާ ގޮތަށް ސިޓީ ކައުންސިލުން މިވަނީ ނިންމައިފަ، އެގޮތުން އެންމެ އަވަހަށް އަދި އަގު ހެޔޮކޮށް ކޮށްދެވޭނެ ބަޔަކާ ހަވާލުކޮށްފަ މިވަނީ، މިހާރު ހަވާލުކޮށްފައިވާ ކުންފުނީގެ އެކަމަށް ބޭނުންވާ ސާމާނުތައް ހުރީ އަތޮޅު ތެރޭގައި އެހެން އެއެއްޗެހި ގެނެސްގެން މަސައްކަތް ފެށޭވަރުވާނީ ހޯމަ ދުވަހު،" ސުޖާއު ވިދާޅުވި އެވެ.
މާލޭއާއި މާލޭ ސަރަހައްދުގައި އުފެދޭ ކުނި ނައްތާލުމުގެ މަޝްރޫއު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓަޓްވާ ގްލޯބަލް ރިނިއުބަލް އެނާޖީއާ ވަނީ ހަވާލުކޮށްފަ އެވެ. ނަަމަވެސް އެ މަޝްރޫއަށް ކަނޑައަޅާފައިވާ ފައިސާއަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށާއި އެއޮތް ގޮތަށް އެމަޝްރޫއު ކުރިއަށް ގެންދާނަމަ ދައުލަތަށް އެތައް މިލިއަނެއްގެ ގެއްލުންވާނެ ކަމަށް ނިންމައި މިސަރުކާރުން ވަނީ އެ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރުގެ މެދު ތެރޭގައި ފެށުމަށް ހަމަޖައްސާފައިވާ އެޕްރޮޖެކްޓްގެ މަސައްކަތް މިހާތަނަށް ވަނީ ފެށޭ ގޮތް ނުވެފަ އެވެ. އެކަން އެގޮަތަށް އޮތް އިރުވެސް މާލޭ ސިޓީ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ކުނިއުކާލުމުގެ މަސައްކަތް ކުރުމަށް ބަޖެޓެއް ކަނޑައަޅާފައެއް ނުވެއެވެ.
ކުނިކޮށި ހުސްކުރުމުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ނުފެށިއްޖެނަމަ އިހުތިޖާޖް ކުރާނެ ކަމަށް އިމާދުއްދީން ސްކޫލްގެ ޕީޓީއޭއިން ބުނެފައިވާއިރު ރައްޔިތުން ނުކުމެ ކުނި ކޮށި ހުސްކުރުމަށް ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ވަނީ ގޮވާލައިފަ އެވެ.