21 Feb 2013, 14:07
ފައުންޑާސް ޑޭ ފާހަގަކުރުމުގެ ގޮތުން ޓުވެންޓީ ތާޑު މާލެ ސްކައުޓު ގުރޫޕުން އިސް ނަގައިގެން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
ޓުވެންޓީ ތާޑު މާލެ ސްކައުޓު ގުރޫޕްގެ ފަރާތުން ސަން އަށް މައުލޫމާތު ދެއްވި އިވެންޓް އޯގަނައިޒާ މުހައްމަދު މައީދު ޒާހިރު ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު 3:45ގައި ފެށުމަށް ހަމަޖެހިފައިވާ އެ ހިނގާލުމުގައި ރާއްޖޭގެ 12 ސްކައުޓު ގުރޫޕަކުން 700 އެއްހާ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.
ސޯޝަލް ސެންޓަރުން ފެށުމަށް ހަމަޖެހިފައިވާ ހިނގާލުން ކުރިއަށް ދާނީ މަޖީދީ މަގުން ގޮސް، އާޓިފިޝަލް ބީޗް ކައިރިން ބޮޑުތަކުރުފާނު މަގުން ގޮސް ރާޅުގަނޑު ހެލިޕެޑް ސަރަހައްދުން އަމީނީމަގަށް އެޅުމަށް ފަހު، ހިނގާލުން ނިންމާލަން ހަމަޖެހިފައި ވަނީ އިމާދުއްދީން ސްކޫލަށެވެ.
މައީދު ވިދާޅުވީ ހިނގާލުން ކުރިއަށްދާ އިރު، މާލޭގެ ހަތަރު ސަރަހައްދަކަށް މަޑުކުރާނެ ކަމަށާއި މިއިން ކޮންމެ ސަރަހައްދެއްގައި ވެސް އައިޓަމެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ސްކައުޓު ހަރަކާތުގެ ފައުންޑާސް ޑޭގެ ގޮތުގައި ފާހަގަކުރަނީ 22 ފެބުރުއަރީ ވަނަ ދުވަހެވެ. އެދުވަހަކީ ސްކައުޓު ހަރަކާތުގެ ބާނީ ސާ ރޮބާޓް ބޭޑަން ޕަވެލްގެ އުފަންދުވަހެވެ.
މިހިނގާލުމުގައި ބައިވެރިވުމުގެ ފުރުސަތު ސްކައުޓް ހަރަކާތުގައި ކުދިން ބައިވެރިކޮށްފައިވާ ބެލެނިވެރިންނާއި ހަރަކާތައް ހެޔޮ އެދޭ ފަރާތްތަކާއި ކުރީގެ ސްކައުޓުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ސަތޭކަ ފަސްދޮޅަސް އެއް ގައުމެއްގައި ހަރަކާތްތެރިވަމުން އަންނަ ސްކައުޓް މޫވްމަންޓަކީ އެންމެ ގިނަ ޒުވާނުން ހަރަކާތްތެރިވާ އެއް މޫވްމަންޓެެވެ. އެކި އެކި ގައުމުތަކުގައި ޖުމްލަ 30 މިލިއަން ޒުވާނުން ސްކައުޓު ހަރަކާތްތަކުގައި ހަރަކާތްތެރިވާ ކަމަށް ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓު މޫވްމަންޓުން ބުނެ އެވެ.