11 Oct 2010, 09:57
އެމްބީސީގެ ބޯޑު މެންބަރުންނަށް ދޭން ޖެހޭ މުސާރަ މިހާތަނަށް ވެސް ދީފައި ނުވާތީ އެ ބޯޑު މެންބަރުންގެ މުސާރަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފިނޭންސް މިންސްޓްރީ އަށް އަންގައިފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސެކްރެޓޭރިއެޓުން މިއަދު ބުނީ އެ ކޮމެޓީގެ ބައްދަލުވުމެއް އިއްޔެ ބޭއްވުމަށް ފަހު އެމްބީސީގެ ބޯޑުގެ މެންބަރުންގެ މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.
"އެ ނިންމެވުމާ އެއްގޮތަށް މިއަދު ވާނީ އެ ސިޓީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާލާފައި،" މާލިއްތު ކޮމެޓީގެ ސެކްރެޓޭރިއަޓުގެ އޮފިޝަކު ވިދާޅުވި އެވެ.
އެމްބީސީ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ބޯޑުގެ ޗެއާމަންގެ މުސާރަ އަކަށް ހަމަޖައްސާފައި ވަނީ މަހަކު 10000ރ. އެވެ. ވައިސް ޗެއާ ޕާސަންގެ މުސާރައަކީ މަހަކު 9000ރ. އެވެ. ބޯޑުގެ އެހެން މެންބަރުންގެ މުސާރައަކީ މަހަކު 8000ރ. އެވެ. މަޖިލީހުން އެމްބީސީގެ ބޯޑު ފާސްކޮށް އެކުލަވައިލި ފަހުން މިހާތަނަށް އެ ބޯޑުގެ އެއްވެސް މެންބަރަކަށް މުސާރަ ދީފައެއް ނުވެ އެވެ.
އެމްބީސީގެ ބޯޑަށް އައްޔަންކޮށްފައިވާ ބޭފުޅުންނަކީ މ. ޝެރިކް އަލީ ޝަރީފް އާއި ހ. ބޮނޑިކަނދޮޅުގޭ، ނަހުލާ އަލީ އާއި މ. ޒިޔާރަތްދޮށުގޭ މުހައްމަދު ޝަފްރާޒް ހާފިޒް އާއި ހ. ސޯސަން ފްލާވާ އިބްރާހީމް އުމަރު މަނިކު އާއި މ. ނިޔަނދުރު އަލީ ޝަމްއާން އާއި ސ. މީދޫ ލިލީ ވިލާ މުންތަސިރު މުމްތާޒް އާއި ސ. ހިތަދޫ ސެވަން ސްޓާ އާއިޝަތު ދިޔާނާ ތޯހިރު އާއި ހ. ތަންބީއާގޭ އަބްދުލްހަމީދު އަބްދުއްސަމަދު އާއި ގ. ވަށަފަރު، އިގްބާލް އާދަމް އެވެ. މި ބޭފުޅުންގެ ތެރެއިން އެމްބީސީގެ ޗެއާޕާސަނަކީ އިބްރާހިމް އުމަރު މަނިކެވެ. ވައިސްޗެއާޕާސަނަކީ މުހައްމަދު ޝަފްރާޒް ހާފިޒެވެ.