އަންނަ އާދީއްތަ ދުވަހާ ހަމައަށް މާލެ އެއް ނަންބަރު ކުނި ކޮށި ސާފުކުރުމުގެ މައްސަލައިގާ ސިޓީ ކައުންސިލުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން އަމަލީ ގޮތުން މަސައްކަތް ނުފަށައިފި ނަމަ އެކަމާ ދެކޮޅަށް އަޑުއުފުލައި އިހްތިޖާޖް ކުރުމަށް އިމާދުއްދީން ސްކޫލްގެ ބެލެނިވެރިން ނިންމައިފި އެވެ.

މާލޭ އެއްނަންބަރު ކުނި ކޮށީގައި ދޭތެރެ ދޭތެރެ އިން އަލިފާން ރޯކޮށްލުމާ ގުޅިގެން އެތަނުން އަރާ ދުމުންނާއި ދުވާ ވަހުގެ ސަބަބުން އިމާދުއްދީން ސްކުލްގެ ދަރިވަރުން ކިޔެވުމުން މަހްރޫމްވެ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ގެއްލުންތަކެއް ވަމުންދާތީ އެކަން ސަރުކާރާއި އަދި ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް މިއަދު އެ ސްކޫލްގައި ނޫސްވެރިންނާ އެކު ސްކޫލްގެ ބެލެނިވެރިން ބޭއްވި ބައްދަލުވުމެއްގައި ބެލެނިވެރިންގެ ފަރާތުން ބުނެފައި ވަނީ ކުނިގޮނޑުގެ މައްސަލާގައި ވަރަށް ބައިވަރު މަސައްކަތް ކުރެވިއްޖެ ކަމަށާއި މިހާރު ދެން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދަނީ ކަމަށެވެ.

ބެލެނިވެރިންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ސްކޫލް ބޯޑުގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ކުނިކޮށީގެ މައްސަލައަކީ އެ ސްކޫލަށް މީގެ އެތައް ދުވަހެއް ކުރިންފެށިގެން ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށެވެ.

" ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މި މައްސަލަ އަޅުގަނޑުމެންނަށް ވަނީ ކުރިމަތިވާން ފަށާފައި. ދެ ހާސްނުވަ ވަނަ އަހަރު ހަފްތާއަކަށް ސްކޫލް ބަންދު ކުރަން ޖެހުނު. ދެ ހާސް ދިހަ ވަނަ އަހަރު އެބައޮތް ދެ ހަފްތާ އަށް ސްކޫލް ބަންދު ކުރަންޖެހިފައި ހަމަ މި މައްސަލައިގައި. އެހިސާބުން ފެށިގެން ވެސް ސްކޫލުންއައީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ސްކޫލްގެ ބޯޑާއި ޕީޓީއޭއާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށާއި އަދި އޭގެ އިތުރުން ގާނުނުން މިކަމަށް މަތިކުރަށްވާފައިވާ ފަރާތް ކަމަށްވާ ސިޓީ ކައުންސިލަށް ވެސް އަޅުގަނޑުމެން ވާނީ ތަފާތި އެކިފަހަރުމަތިން ޒިޔާރަތްކޮށް އެބޭފުޅުންނާއި ބައްދަލުކޮށް މިކަމުގައި ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ދަންނަވާފައި،" ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ސިޓީކައުންސިލާ ބައްދަލުކުރުމުން މިދިޔަ އަހަރު ނިމުމުގެ ކުރިން އެ ކުނިކޮށި ހުސްކޮށް ދެއްވާނޭ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވި ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން ސިޓީ ކައުންސިލާ ބައްދަލުކުރުމުން އެބޭފުޅުން ވިދާޅުވި މިދިޔަ އަހަރު ނިމުމުގެ ކުރިން އެ ކުނިކޮށި އަޅުގަނޑުމެންނަށް ހުސްކޮށް ދެއްވާނަމޭ. އެކަމަކު އަހަރު ނިމިގެން ދިޔަ އިރު ވެސް އެކަމެއް ނުވި. އަނެއްކާ މި އަހަރު ސްކޫލްފެށިގެން މަހެއްހައި ދުވަސްވީ އިރު މިމައްސަލަ ކުރިމަތިވަމުން މިދަނީ،" އިމާދުއްދީން ސްކޫލް ބޯޑުގެ މެންބަރު ވިދާޅުވި އެވެ.

އިމާދުއްދީން ސްކޫލްގެ ބެލެނިވެރިންނާއި ބޯޑުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވީ ކުނިގޮނޑުގެ މައްސައިގާ ސިޓީ ކައުންސިލުން އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވަމުން ގޮސް އެކަމަށް ބަޖެޓް ނެތް ވާހަކަ ވިދާޅުވުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ވަނީ ބަޖެޓް ވެސް ލިބޭގޮތްވެފައި ކަމަށެވެ.

އެބޭފުޅުން ވިދާޅުވީ އިއްޔެ ވެސް ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރެއްވި ކަމަށާއި އެބޭފުޅުން ދެއްވި ޖަވާބަކީ "ތިމަންނަމެން އަންނަ ހަފްތާގައި މަސައްކަތް ފަށާނަމޭ. ކުރީގައި ވިދާޅުވީ ފައިސާ ލިބުނީމާ މައްސަކަތް ފަށާނަމޭ، މިއަދު ގުޅީމަ ވިދާޅުވީ މަސައްކަތް މިހާރު ވެސް ކުރިއަށްދަނީ" ކަމަށެވެ.

އިމާދުންދީން ސްކޫލްގެ ބެލެނިވެރިން ފާހަގަ ކުރި ގޮތުގައި 1600 ދަރިވަރުންނާއި 198 ޓީޗަރުންން ނުރަށްކަލަކަށް ހުށަހެޅިގެންދާ އިރު އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެލާ ފަރާތެއް ވެސް ނެތް ކަމަށެވެ. އަދި މިކަމުގައި ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ހިޔުމަން ރައިޓްސް މިނިސްޓްރީއާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި އަދި ވެސް މިފަދަ ކަންކަމުގައި ކަންބޮޑުވުން ފާޅުކޮށް ގޮވާލާ ފަރާތްތައް ކޮބައިތޯ ސުވާލު އުފައްދާފައިވެ އެވެ. އަދި ހަމަ އެހެންމެ ސިޓީ ކައުންސިކުން އެބޭފުޅުންނަށް ކުނި ކޮށި ހުސްކޮށް ނުދީ ގިނަގުނަ ބަހަނާތަކެއް ދައްކަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.