21 Feb 2013, 13:27
ރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސް 500 ހާފިޒުން އުފެއްދުމަށް 9 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކީރީތި ގުރުއާނާއި ބެހޭ މަރުކަޒުން ފަށައިފި އެވެ.
އެ މަޝްރޫއޫ އިފްތިތާހް ކުރުމަށްޓަކައި ކީރީތި ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މަޝްރޫއަކީ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ރާއްޖޭގައި ފެށޭ މިފަދަ ފުރުތަމަ މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއަކީ 10 އަހަރު ދުވަހަށް އަމާޒް ކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"ރާއްޖޭގައި ކީރިގުރުއާން ހިތުދަސް 500 ހާފިޒުން ތަމްރީން ކުރުމަށް މިއަދު މި ފެށިގެން ދިޔަ މަޝްރޫއަކީ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކީރިތިގުރާއާނާ ބެހޭ މަރުކަޒުން އަދި ރާއްޖޭގައި ވެސް ފެށި ފުރުތަމަ މަޝްރޫއު. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި 500 ހާފިޒުން ތަމްރީން ކުރުން. މި މަޝްރޫއަށް ގާތްގަޑަކަށް 8 ނުވަތަ 9 މިލިޔަން ރުފިޔާ ހަރަދު ވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ކީރިތި ގުރުއާން ރީތި ރާގުތަކަށް ކިޔަވާ ބޭފުޅުން ވަރަށް ގިނަ ގިނަ ނަމަވެސް ކީރިތި ގުރުއާން ހިތުދަސް ބޭފުޅުން ވަރަށް މަދު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އިން ބޭރުގައި ބާއްވާ ކީރިތި ގުރުއާން ކިޔެވުމުގެ ތަފާތު އެކިއެކި މުބާރާތްތަކުގައި ވެސް ގިނަ ފަހަރަށް ބައިވެރި ވުމުގެ ފުރުސަތު ލިބެނީ ކީރިތި ގުރުއާން ހިތުދަސް ފަރާތްތަކަށް ކަމަށާއި އެހެން ކަމުން މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސް ގާބިލު ހާފިޒުން އުފެދިގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
މިއަދު މި ފެށި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްގެން ފެށި މަޝްރޫއެއް ނޫން ކަމަށާއި މި ޕްރޮގުރާމަށް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮގުރާމްގެ ދަށުން ތަމްރީނު ކުރެވޭ ހާފިޒުންނަކީ ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގައްޔާއި އަދި ކިޔަވައި ދިނުމުގައި ވަރަށް ފުއްނާބު އުސް ގާބިލް ބޭފުޅުން ކަމަށް ވެގެންދާނެ ކަމަށެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި މިއަދު މި ހުޅުވުނު ލެބުގައި ތިން ދަންފަޅިއަކަށް ބަހައިގެން ޖުމްލަ 50 ކުދިން ކިޔަވަމުން ދާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ސައުދީއަރތަބީއްޔާ އަށް އެކުދިންގެ ސަނަދު ހޯދުމަށްޓަކައި ފޮނުވޭނެ ކަމަށް ވެސް އެ މަރުކަޒުން މައުލޫމާތުދެ އެވެ.