21 Feb 2013, 12:41
މޯލްޑިވުސް ޕެންޝަން އެޑްމިނިސްޓުރޭޝަން އޮފީހާއި އޮޑިޓާ ޖެނެރަލް އޮފީހާއި ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން(އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އޮފީހުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިޝާ މުހައްމަދު ހުސެއިން މަނިކެވެ.
އެ ހަލްލާގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކް ވިދާޅުވީ އެ އެމްއޯޔޫގެ މަގުސަދަކީ އޮޑިޓް އޮފީހާއި ޕެންޝަން އޮފީހަކީ ރައްޔިތުނަށް ޖަވާބުދާރީ ވާގޮތަށް އުފައްދާފައިވާ ދެ މުއައްސަސާ އަށް ވާއިރު އެމަގުސަދު ހާސިލް ކުރުމުގެގޮތުން ރައްޔިތުންގެ އިތުބާރު ދެމެހެއްޓެނިވި ގޮތަކަށް ފައިސާއާއި ގުޑް ގަވަނަންސްގެ ދާއިރާ އިން ދެވެން އޮތް އޮތް އެންމެ ހައި އެއްބާރުލުން ދިނުމަށް އެދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި ދާއިރާތް ކަނޑައެޅުމަށް ކަމަށެވެ. އަދި އެ އެމްއޯޔޫގެ ސަބަބުން ޕެންޝަން އޮފީހުގެ މަސައްކަތްތައް އިންޓަނޭޝަނަލް ބެސްޓް ޕުރެކްޓިސް އާ އެއްގޮތަށް ރާވައި ހިންގުމަށް އެ އޮފީހަށް ލަފާދެއްވާ އިރު އޮޑިޓް އޮފީހުން ކުރާ އޮޑިޓްތަކުގައި ޕެންޝަނާގުޅުން ހުރި ކަންތައްތަށް ފާހަގަކުރެވި އެތަންތަނުން ޕެންޝަނާ ބެހޭ ގާނޫނަށް އަމަލު ކުރަމުންދަނީ ކިހާވަރަކަށްތޯ ބަލައި އެ މައުލޫމާތްތައް އޮޑިޓް ރިޕޯޓްތަކުގައި ހިމަނައި އެމައުލޫމާތް ޕެންޝަން އޮފީހާއި ހިއްސާކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
އެހަލްލާގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ ޕެންޝަންގެ އޮފީހުގެ މަސައްކަތްތަކަކީ އަދި ވަރަށް އާ މަސައްކަތްތަކަކަށް ވާއިރު އަދި އެކަމަކީ ވަޒީފާ އަދާކުރާ އެތަށް ބައެއްގެ ހައްގުތަކާ ގުޅިފައިވާ އިރު ޕެންޝަން އޮފީހުގެ މަސައްކަތްތަކަކީ ވަރަށް ހަރުދަނާ މަސައްކަތަކަށް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން މާލީ ދާއިރާ އާއި ގުޅުން ހުރި ކަންކަމުގައި ފަންނީ އެހީއާއި ލަފާދިނުމާއި އެދާއިރާތަކުން އޯޑިޓް އިނިސްޕެކްޓް ކުރުމުގެ ދާއިރާއިން ދެފަރާތުގެ މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރުމަށް ޓުރެއިނިން ޕުރޮގުރާމަތައް ހިންގުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.