21 Feb 2013, 12:35
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައި ކޮމިޝަންގެ ތެރެއަށް ވަޑައިގެން ހުންނެވި މައްސަލާގައި ވާހަކަ ދެއްކެވުމަށް އިންޑިއާ އިން ވަޑައިގަތް އެ ގައުމުގެ ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދި ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވައިފި އެވެ.
އިންޑިއަން ހައި ކޮމިޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ކަށަވަރުކޮށް ދެއްވި ގޮތުގައި ޝްރިންގްލާ ޔާމީނާ ބައްދަލު ކުރެއްވީ އިއްޔެ ޕާލަމެންޓްގަ އެވެ. އަދި ޑިފެންސް މިނިސްޓަރު ނާޒިމާ ބައްދަލުކުރެއްވީ ޑިފެންސް މިނިސްޓްރީގައި ރެ އެވެ.
ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ އެ ދެ ބޭފުޅުންނާ ޖޮއިންޓް ސެކްރެޓަރީ ބައްދަލު ކުރައްވައި ވާހަކަ ދައްކަވާފައި ވަނީ "ސިޓުއޭޝަން އެސެސް" ކުރެއްވުމަށް ކަމަށެވެ.
ޖޮއިންޓް ސެކްރެޓަރީ އިތުރު ބޭފުޅަކާ ބައްދަލު ކުރައްވާނެތޯ ދެންނެވުމުން ވިދާޅުވީ އަދި މިއަދު ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާ ބައްދަލު ކުރައްވާނެ ކަމަށާއި އެ ނޫން ބޭފުޅަކާ ބައްދަލު ކުރެއްވުމަށް ނިންމަވާފައި ނުވާ ކަމަށެވެ.
ޖޮއިންޓް ސެކްރެޓަރީ ޝްރިންގްލާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ވަނީ މާދާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އި ފޮރިން މިނިސްޓްރީގެ އޮފިޝަލުން މިއަދު ބޭއްވެވި ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ ޕޮލިޓިކަލް އެފެއާޒް ކާތިގޭޔަން ކުރީ ދުވަހު ވިދާޅުވީ ވާހަކަތައް އަދި އޮތީ ކުރިއަށް ކަމަށާއި ސުލްހަވެރި ހައްލެއް ހޯދައިދޭން، ރާއްޖެ އަށް އެހީވާން އިންޑިއާ އިން ބޭނުންވާ ކަމަށެވެ.
"ރާއްޖޭގައި މައްސަލަތަކެއް އޮންނާކަން އިންޑިއާ ބޭނުމެއް ނުވޭ، ވާހަތައް އަދިވެސް ކުރިއަށް ދާނެ، އިންޑިއާ އިން ބޭނުން ވަނީ މިހާރު ދިމާވެފައި އޮތް މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދޭން، ރާއްޖެއަށް އެހީތެރިވާން،" ކާތިގޭޔަން ވިދާޅުވި އެވެ.
ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ކުރި އަމުރެއް ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އިންޑިއާ ހައިކޮމިޝަނުން "ހިމާޔަތް" ހޯއްދެވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން އެމަނިކުފާނު އަދިވެސް ހުންނެވީ އެތާނގައެވެ. އެމައްސަލައިގާ ރާއްޖެއާ އިންޑިއާ ސަރުކާރާ ދެމެދު ވާހަކަތައް ފަށާފައި މިވަނީ ވަރަށް ގިނަ ބަސްތައް ދެފަރާތުން ވެސް ރައްދުކުރުމަށް ފަހުގަ އެވެ.
ނަޝީދު އިންޑިއަން ހައި ކޮމިޝަންގެ ތެރެ އަށް ވެދެވަޑައިގެން ހުންނެވީ، ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތަށް ނަޝީދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އެއްބާރުލުން ނުދެއްވަ އެވެ.
ނަޝީދު އިންޑިއާ ހައި ކޮމިޝަންގެ ތެރޭގައި، ވިއެނާ ކޮންވެޝަނުން ލިބޭ ހިމާޔަތް ހޯއްދަވައިގެން، ހުންނެވި ނަމަވެސް އިންޑިއާ އިން ރަސްމީކޮށް ނަޝީދަށް ހިމާޔަތް ދީފައެއް ނުވެ އެވެ.