21 Feb 2013, 11:53
ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ޔުނައިޓޭޑް ނޭޝަންސް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ނުވަތަ އ.ދ ގެ ތައުލީމާއި ސަގާފަތާ ބެހޭ ޖަމިއްޔާގެ ފަރާތުން މި ދުވަސް އެންމެ ފުރަތަ އިއުލާން ކުރީ 17 ނޮވެމްބަރު 1999 ގައެވެ. އެއާ އެކު 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހަކީ ކޮންމެ ބަޔަކު ވެސް އެބައެއްގެ މާދަރީ ބަސް ދިރުވައި އާލާ ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އާ އަޒުމްތަކެއް ކަނޑައަޅައި، މަސައްކަތް ކުރުމަށް ހާއްސަ ކުރެވިފައިވާ ދުވަހުގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ.
އަހަރުގެ ހުރިހާ ދުވަހެއްގެ ތެރެއިން މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަ ކުރަނީ ކީއްވެގެންތޯ ބަލައިލަމާ ހިނގާށެވެ. މި ދުވަސް ރަމްޒު ކޮށްދެނީ، މީގެ 61 އަހަރުކުރިން "ފެބުރުވަރީ މަހެއްގެ 21 ވަނަ ދުވަހު" ބަހާ ގުޅިގެން ގައުމެއްގައި ހިނގި ވަރަށް މުހިންމު ހާދިސާ އެކެވެ. އެ ދުވަހަކީ 21 ފެބުރުވަރީ 1952 ކެވެ. އެ ގައުމަކީ ބަންގްލަދޭޝް ނުވަތަ ބަންގާޅެވެ. އެ ދުވަސްވަރު އެއީ އިރުމަތީ ޕާކިސްތާނެވެ. ޕާކިސްތާނަށް ނިސްބަތްވާ، ޕާކިސްތާނުގެ ބައެކެވެ. އެއީ ވަކި ގައުމެއްގެ ގޮތުގައި ބަންގާޅަށް މިނިވަންކަން ލިބުމުގެ ކުރިއެވެ. ބަންގާޅުގެ ދަރިވަރުންތަކެއް އެ ދުވަހު ވަނީ އެމީހުންގެ މާދަރީ ބަހަށް ޓަކައި ވަރުގަދަ ޖިހާދެއް ކޮށް، ގުރުބާން ވެފައެވެ. އެދުވަހު އެ ދަރިވަރުންތައް އަޑު އުފުލީ "ބަންގާޅު ބަހަކީ" އެމީހުންގެ ގައުމީ ބަސް ކަމަށާއި އެމީހުންގެ އަމިއްލަވަންތަކަމުގެ ރަމްޒަކީ އެއީ ކަމަށް ބުނަމުންނެވެ.
އޭރު ޕާކިސްތާނުގައި އޮތް ސަރުކާރުން މުޅި ޕާކިސްތާނުގެ ގައުމީ ބަހެއްގެ ގޮތުގައި ހަމަޖެއްސީ ޕާކިސްތާނުގެ ހުޅަނގު ފަޅީގައި އާންމުކޮށް ބޭނުން ކުރަމުން ދިޔަ ބަސް ކަމުގައިވާ އުރުދޫ ބަހެވެ. ނަމަވެސް އިރުމަތީ ޕާކިސްތާނު ނުވަތަ ބަންގާޅު ސަރަހައްދަށް ބަލާއިރު، އެ ތަނުގެ މަތީ ފަންތީގެ މަދު މީސްކޮޅަކަށް މެނުވީ އުރުދޫ ބަހުން ރަނގަޅަށް ވާހަކަ ދައްކައި ލިޔެ ކިޔާކަށް ނޭނގެއެވެ. އެހެންކަމުން ބަންގާޅު ބަހަށް ޓަކައި ހަރަކާތްތެރިވުމުގެ ރޫހު އުފެދިގަތެވެ.
ގައުމީ ބަސް ކަނޑައެޅުމާ ބެހޭ ގޮތުން އިރުމަތީ ޕާކިސްތާނުގައި ފެށުނު މައްސަލަގަނޑު އެންމެ ފަހުން ގޯހުން ގޯހަށް ދިޔައީ ޕާކިސްތާނުގެ އޭރުގެ ގޮރުނުދޯރު (ގަވަރުނަރު) ޚުވާޖާ ނަޒީމުއްދީން، "ޕާކިސްތާނުގައި އޮތް ހަމައެކަނި ގައުމީ ބަހަކީ އުރުދޫ ބަސް" ކަމުގައި ވިދާޅުވި ހިސާބުންނެވެ. މިކަމާ ގުޅިގެން 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ޔުނިވަރސިޓީ އޮފް ޑާކާގެ ދަރިވަރުންނާއި، ޑާކާ މެޑިކަލް ކޮލެޖުގެ ދަރިވަރުންނާއި، ބައެއް އާންމުންގެ އިތުރުން، ބައެއް ސިޔާސީ ފަރާތްތައް ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލައި އިހްތިޖާޖު ކުރާން ފެށިއެވެ. އެމީހުން ބޭނުންވީ އުރުދޫ ބަހާ އެކު "ބަންގްލާ" (ބަންގާޅު) ބަސް ވެސް ޕާކިސްތާނުގެ ގައުމީ ބަހަކަށް ހެދުމަށެވެ. ސުލްހަވެރިކަމާ އެކު ފެށި އިހްތިޖާޖުތައް އެންމެ ފަހުން ބޮޑު މުޒާހަރާއަކަށް ބަދަލުވެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތި ލުންތަކެއް ހިނގިއެވެ. އަދި މިހާރު ބަންގްލާދޭޝްގެ ވެރިރަށް ކަމަށްވާ ޑާކާގައި، ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލް ހުންނަ ހިސާބުގައި މުޒާހަރާގެ ބައިވެރީން ހަރަކާތްތެރި ވަމުން ދަނިކޮށް އެފަރާތްތަކަށް އަމާޒުކޮށް ފުލުހުން ބަޑީގެ ހަމަލާތަކެއް ދިނުމުން އެ ހަމަލާތަކުގައި މުޒާހާރާގެ ބައިވެރިންގެ ތެރެއިން ގިނައަދަދެއްގެ މީހުން މިދުނިޔެއާ ވަކިވެގެން ދިޔައެވެ. އޭގެ ތެރޭގައި ޝަހީދު ޢަބްދުއްސަލާމް، ޝަހީދު ރަފީޤުއްދީން އަޙްމަދު، ޝަހީދު ޞަފިއްޔުއްރަޙްމާން، ޝަހީދު ޢަބްދުލްބަރަކާތު އަދި ޝަހީދު ޢަބްދުލްޖައްބާރު ފަދަ ޝަހުސިއްޔަތުތައް ހިމެނުނެވެ.
މުޒާހަރާގެ ތެރެއަށް ފުލުހުންގެ ޖެހި ބަޑީގެ އުންޑަތަކުގެ ޝިކާރައަކަށް ވެ، މާދަރީ ބަހަށް ޓަކައި ތެދުވި ޒުވާނުންތަކެއް ޝަހީދުވުމުން، މާދަރީ ބަހަށް ޓަކައި މުޅި އިރުމަތީ ޕާކިސްތާން އެއްކޮށް ތެދުވިއެވެ. އާހިރު ނަތީޖާއަކަށް ވެގެން ދިޔައީ އުރުދޫ ބަހާ އެއްފަދައިން ބަންގާޅު ބަސް ވެސް އެއީ ޕާކިސްތާނުގެ ގައުމީ ބަހެއްކަމުގައި ސަރުކާރުން ބަލައި ގަތުމެވެ.
ޕާކިސްތާނުން ވަކިވެ، އިރުމަތީ ޕާކިސްތާނަކީ ބަންގްލަދޭޝްގެ ގޮތުގައި، 1971 ވަނަ އަހަރު އަމިއްލަ މިނިވަން މުސްތަގިއްލު ގައުމަކަށް ވެގެން ދިއުމުގެ އަސްލަކީ ވެސް މާދަރީ ބަހަށް ޓަކައި އެމީހުންގެ ހިތުގައި އޮތް ލޯތްބާއި ގަދަރެވެ. އެބައިމީހުންގެ މާދަރީ ބަހަކީ "ބަންގާޅު ބަސް" ކަމަށް ކަނޑައެޅުމަށް ޓަކައި ކުރި ވަރުގަދަ ޖިހާދެވެ.
ބަންގާޅަށް މިނިވަންކަން ލިބި ވަކި ދައުލަތަކަށް ވުމުން އެ ގައުމުގެ ރައްޔިތުން ވަނީ އެބައިމީހުންގެ މާދަރީ ބަހަށް ޓަކައި ފުރާނައިން ގުރުބާންވި ޝަހީދުންގެ ޒިކުރާގައި "ޝަހީދު މިނާރު"ގެ ނަމުގައި ހަނދާނީ ބިނާއެއް ހަދައިފައެވެ. ޝަހީދު މިނާރު ހަދައިފައިވަނީ ބަހަށް ޓަކައި ޝަހީދުވެެގެން ދިޔަ ޒުވާނުންގެ ލޭ އެތަނަކަށް އޮހޮރިގެން ދިޔަ މައިދާނުގައެވެ.
ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ބަންގާޅުގައި ފާހަގަ ކުރަމުން އަންނަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައި ނުވަތަ އެމީހުން ކިޔާ ގޮތުން ނަމަ "ޝޮހީދް ދިބޮޝް"ގެ ގޮތުގައެވެ. އަދި އެއީ އެ ގައުމުގައި ރަސްމީ ބަންދު ދުވަހެކެވެ.
އަމިއްލަ މާދަރީ ބަހުގެ އަގު ވަޒަންކޮށް ބަންގާޅުގެ ޒުވާނުން ހިންގި ހަރާކާތްތަކާއި ވީ ގުރުބާނީ މިއަދު މިދަނީ މުޅި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވެމުންނެވެ. ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަ ކުރުމުގެ އިތުރުން، އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުން 2008 ވަނަ އަހަރަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ އަހަރުގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.