މެރުމަށް ޖަޕާނުގައި ހުކުމްކޮށްފައިވާ ތިން ކުށްވެރިއަކު ދަންޖައްސައި މަރާލައިފި އެވެ.

ޖަޕާނުގެ އާ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސަރުކާރުގެ ވެރިކަމުގެ ދަށުން ފުރަތަމަ ފަހަރަށް ކުށްވެރިންތަކެއް ދަން ޖައްސައި މަރާލާފައި ވާ އިރު، މިއީ ސެޕްޓެމްބަރު 2012 ގެ ފަހުން އެ ގައުމުން ތަންފީޒު ކުރި ފުރަތަމަ މަރުގެ ހުކުންތަކެވެ.

ޖަޕާނުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ތިން ކުށްވެރިން ވެސް ދަން ޖައްސައި މަރާލާފައި ވަނީ މިއަދު ހެނދުނު ކަމަށާއި، އެ ކުށްވެރިންނާ ބެހޭ އިތުރު ތަފްސީލުތަކެއް ޖަޕާނު ސަރުކާރުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.

މަރުގެ ހުކުން ތަންފީޒުކުރުމުގައި ޖަޕާނުން އަމަލުކުރާ ގޮތަކީ، މެރުމަށް ހުކުމްކޮށްފައިވާ ގިނަ މީހުންތަކަކަށް އެއް ފަހަރާ ހުކުމް ތަންފީޒު ކުރަނީއެވެ. މިވަގުތު ޖަޕާނުގައި ދަން ޖައްސައި، މެރުމަށް ހުކުމްކޮށްފައިވާ 130 މީހުން ތިބި ކަމަށް ބީބީސީއިން ބުނާއިރު، މީގެ ތެރޭގައި 1995 ވަނަ އަހަރު ޓޯކިޔޯގެ ސަބްވޭގައި ސަރިން ގޭހުގެ ހަމަލާ ދިން ޝޮކޯ އަސަހަރާ ހިމެނެއެވެ.

ޖަޕާނުގެ ގިނަ ރައްޔިތުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ތާއީދުކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް ޖަޕާނަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް ޖަޕާނުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި މުޖުތަމައަށް ގެއްލުންތައް ދީ، އެތައް ބައެއްގެ ފުރާނަ ނަގާލާ ބަޔަކު ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ޖަލުގައި ބޭތިއްބުމަށް ވުރެ އިންސާފުވެރިކަން ބޮޑީ އެމީހުންނަށް މަރުގެ އަދަބު ދިނުމެވެ. އަދި ގައުމުގެ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ ކުށްވެރީންނަށް، ކުށްނުކުރާ އާންމުންނެކޭ އެއްފަދައިން އޯގާވެރިވުމަކީ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމެވެ.