21 Feb 2013, 09:58
ރާއްޖެއަކީ އިންޑިއާގެ ސްޓްރެޓެޖިކް ފުރަތަމަ ސަފު ފެށޭ ހިސާބު ކަމަށް އެގައުމުން އައީ އަބަދު ވެސް ބުނަމުންނެވެ. އެހެންވެ ރާއްޖެ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއްގެ ތެރެއަށް ދިއުމަކީ އިންޑިއާ އަށް ބަލަން އޮވެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމީހުން އައީ ބުނަމުންނެވެ.
އިންޑިއާގެ ސްޓްރެޓެޖިކް ވިސްނުންތައް ވިސްނައި، ނުސީދާ ގޮތެއްގައި ސަރުކާރަށް ލަފާދޭ "ތިންކް ޓޭންކް" ތަކުން އަބަދު ވެސް ބާރުއަޅަމުން ދަނީ ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް ރަނގަޅަށް ވަދެ އޮތުމަށެވެ.
އިންޑިއާގެ ބައެއް ފަރާތްތަކުގެ ހައްދުފަހަނައަޅާފައިވާ ވަތަނީ ވިސްނުމުގެ ތެރެއިން އުފެދިގެން އަންނަ އެ ހިޔާލުތަކަށް އެގައުމުން މިހާރު ވަރަށް ރަނގަޅަށް ޖާގަ ދެމުން ދާތަން އެބަ ފެނެއެވެ.
މިއީ ދިވެހިންގެ ހިތުގައި އުފެދިގެން އުޅޭ ވަސްވާހެއް ނޫނެވެ. މިއީ އިންޑިއާގެ ތަޖުރިބާކާރު، އަދި ސިޔާސީ ގޮތުން އެގައުމުގެ މަތިފަޑީގައި ތިބި ނޫސްވެރިން ބުނެ ފާޅުކުރަމުންދާ ވާހަކަ ތަކެވެ.
"އެއް އަހަރު ދުވަސް ފަހުން ދިއްލީ އިން ބޭނުންވަނީ ބަދަލެއް ގެންނާށެވެ. މިމަހުގެ ކުރީ ކޮޅު އިންޑިއާ އަށް ވަޑައިގެންނެވުމަށް ނަޝީދަށް ދައުވަތު އެރުވުނުވެ. އެދަތުރުފުޅުގައި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވް ސަންކަރް އެމަނިކުފާނާ ބައްދަލުކުރެއްވި އެވެ." އިންޑިއާގެ ބިޒްނަސް ސްޓެންޑާޑްގައި ޖޯތީ މަލޯތުރާ ލިޔެފައިވާ އޮޕީނިއަން އެއްގައިވެ އެވެ.
ޖޯތީގެ އެ ލިއުމަކީ ހިޔާލު ފާޅުކުރުމުގެ ގޮތުން ލިޔެފައިވާ ލިއުމަކަށް ވިޔަސް މިފަދަ މައުލޫމާތުތަކަކީ ހަމަ އަމިއްލަ އުފެއްދުން ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
"މިދިޔަ ހަފުތާގައި އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު ގެންދެވީ ރާއްޖޭގެ އެހެން ފަރާތްތަކެކޭ އެއްގޮތަށް އޭނާ ( ނަޝީދު) އާ ވެސް ގުޅުއްވަމުންނެވެ،" ޖޯތީ އިތުރަށް ލިޔެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުން "އިންޑިއާ އިން ރާއްޖެއާ މެދު ހިތް ބަދަލުވީ" ރައީސް ޑރ. ވަހީދުގެ ސަރުކާރުން ބައެއް ގޯސް އަންދާޒާތައް ކުރީމަ އެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ވެސް އިންޑިއާ އިން ބާރު އަޅާނެ ކަމަށް "ބައެއް މީހުން ބުނާ" ކަމަށް އޭނާ ލިޔެފައިވެ އެވެ.
އިންޑިއާގެ ނޫސްވެރިން މިފަދަ ވާހަކަތައް ދައްކަމުން ދަނިކޮށް ދެން މިފެނުނީ އިންޑިއާއާ ނުވެސް ބެހޭ ކަމެއްގައި "ސުލްހައިގެ ވާހަކަތައް" ދައްކަން އެގައުމުން މަންދޫބެއް ފޮނުވި ތަނެވެ.
މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ އިއްޔެ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ފަރާތްތަކާ އެކު ރަސްމީ ވާހަކަތައް ބާއްވާފަ އެވެ. އެވާހަކަތަކުގެ ތަފުސީލު އަދި ހާމަ ނުކުރި ނަމަވެސް އުފެދޭ ސުވާލެއް އެބަ އޮތެވެ.
ރާއްޖޭގެ ސިޔާސީ ފަރާތަކާ ދެކޮޅަށް އުފުލިފައިވާ ދައުވާއަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރަން ޖެހިފައި ވަނިކޮށް، އިންޑިއާގެ މިޝަން އިން އޭނާ ހިމާޔަތް ހޯއްދެވުމުން، ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ ފަރާތްތައް އެ މިޝަން އަށް ވަނުމުގެ ހުއްދައެއް ދިނުމަށް އިންޑިއާ އިން މިހާ ދިގު މަޝްވަރާތަކެއް ކުރަން ޖެހެނީ ކީއްވެތޯއެވެ؟"
މިސުވާލު އުފެދިފައި އޮއްވައި ވެސް އިންޑިއާ އިން ބުނަނީ މިހެންނެވެ.
"ރާއްޖޭގައި މައްސަލަތަކެއް އޮންނާކަން އިންޑިއާ ބޭނުމެއް ނުވޭ، ވާހަތައް އަދިވެސް ކުރިއަށް ދާނެ، އިންޑިއާ އިން ބޭނުން ވަނީ މިހާރު ދިމާވެފައި އޮތް މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދޭން، ރާއްޖެ އަށް އެހީތެރިވާން،"
މިއީ އިއްޔެގެ ބައްދަލުވުމަށް ފަހު އިންޑިއާ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ ޕޮލިޓިކަލް އެފެއާޒް ކާތިގޭޔަން ވިދާޅުވި ވާހަކަ ފުޅެވެ.
ދެން ހަމަ އެއާ ވިދިގެން މިފެންނަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މާ ބޮޑަށް ޑިޕްލޮމެޓިކް ވެވަޑައިގެން އުޅުއްވާ މަންޒަރެވެ.
މިކަންކަމުން ދޭހަވަނީ ޖޯތީ މަލޯތުރާ އެބުނާ ފަދައިން އިންޑިއާ އިން ރާއްޖެ އަށް ރަނގަޅު ޕްރެޝަރެއް ދެމުންދާ ކަމެވެ. އެހެންވީމާ މިއީ އިންޑިއާގެ ސްޓްރެޓެޖިކް މަސްލަހަތުތައް ހިމާޔަތް ކުރުމަށް ރާއްޖެއާ އެކު މަސައްކަތް ކުރުންތޯ ނުވަތަ ބޮޑު ގައުމަކަށް ވީތީ ދިގު މުއްދަތުގައި އެގައުމުގެ މުށުތެރެ އަށް ރާއްޖެ ލުމުގެ މަސައްކަތްތުގެ ބައެއްތޯ ސުވާލު އުފެދެ އެވެ.