21 Feb 2013, 09:28
ނިއުދިއްލީ (ފެބްރުއަރީ 20): އިންޑިޔާގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާތަކާއި މަސައްކަތްތެރިންގެ އިއްތިޙާދުތަކުން ކުރަމުންގެންދާ ވަރުގަދަ ހަޅުތާލުތަކާއި މުޒާހަރާތަކަކާ ގުޅިގެން އިންޑިޔާގެ ބޮޑުބައެއް މިއަދު ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މިއީ އިންޑިޔާ ސަރުކާރުން އެގައުމުގެ އިޤްތިސާދަށް ގެނައި އިސްލާހީ ބަދަލުތަކާ ދެކޮޅަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާތަކުންނާއި މަސައްކަތްތެރިންގެ ބައެއް އިއްތިޙާދުތަކުން ފެށި ދެ ދުވަހުގެ ހަޅުތާލެކެވެ. މިހަޅުތާލުގައި އިންޑިޔާގެ ގިނަ ސްޓޭޓްތަކުގެ ބޭންކްތަކާއި ރޭލްވޭތަކާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ވިޔަފާރިތަކާއި ސިނާޢީ މަސައްކަތްތައް ވެސް ވަނީ ވަރަށްބޮޑަށް ހުއްޓުމަކަށް އައިސްފަ އެވެ. މިހަޅުތާލު މާދަމާ ވެސް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އިރު މިއަދުގެ ހަޅުތާލުގައި ސަތޭކަ މިލިޔަނެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިޔާ ސަރުކާރުން އެގައުމުގެ އިޤްތިސާދަށް ގެނައި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ރައްޔިތުންނަށް ކުރިންދޭ ބައެއް ސަބްސިޑީ ދިނުން ހުއްޓާލުމާއި ބޭރުގެ ފަރާތްތަކަށް އިންޑިޔާގެ ރީޓޭލް ބާޒާރު ހުޅުވާލުން ހިމެނެ އެވެ. މީގެ އިތުރުން ސަރާކުރުން ވަނީ ޚަރަދުކުޑަ ސިޔާސަތުތަކެއް ވެސް ތަންފީޒުކުރަން ފަށާފަ އެވެ. މިހަޅުތާލުގެ ސަބަބުން އިންޑިޔާ އަށް އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުންވާނެ ކަމަށް ސަރުކާރުން އަންދާޒާކުރާ އިރު ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ ގައުމީ މަސްލަޙަތައް ޓަކައި ހަޅުތާލު އިތުރަށް ކުރިޔަށް ނުގެންދިޔުމަށް އިންޑިޔާގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާތަކާއި މަސައްކަތްތެރިންގެ އިއްތިޙާދުތަކަށް އިލްތިމާސް ކުރައްވާފަ އެވެ. އިޤްތިސާދީ އިސްލާޙްގެ ނަމުގައި އިންޑިޔާ ސަރުކާރުން އަލަށް ތަޢާރަފްކުރި އެގައުމުގެ ރީޓެއިލް ވިޔަފާރީގެ ސެކްޓަރު ބޭރުގެ ކުންފުނިތަކަށް ހުޅުވާލުމަކީ ކޮރަޕްޝަނާ ވަރަށް ގުޅުންބޮޑު ނިންމުމެއް ކަމަށް އިންޑިޔާގެ ލޯކަލް ވިޔަފާރިވެރިން ދެކެ އެވެ.
އިންޑިޔާގެ ރީޓޭލް ވިޔަފާރީގެ ސެކްޓަރުގައި ބޭރުގެ ފަރާތްތަކަށް ސީދާގޮތެއްގައި އިންވެސްޓްކުރުމުގެ ފުރުޞަތު ލިބިދޭ ޤާނޫނެއް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. މިޤާނޫނާ އެކު ބޭރުގެ ކުންފުނިތަކުން އިންޑިޔާގެ ރީޓޭލް ވިޔަފާރިއަށް އަތްގަދަކޮށްފާނެ ކަމުގެ ބިރު އެގައުމުގެ ކުންފުނިތަކުން ގެންދަނީ އިޙްސާސް ކުރަމުންނެވެ. (ރޮއިޓާސް)