21 Feb 2013, 09:14
ކޮލަންބޯ (ފެބްރުއަރީ 21): ސައޫދީ އަރަބިޔާ އާއި ސްރީލަންކާގެ ގުޅުންތައް ގޯސްވެ ކޮލަންބޯގައި ހުންނަވާ ސައޫދީ ސަފީރު އަނބުރައި ރިޔާޟަށް ގެންގޮސްފި އެވެ.
ސަޢޫދީ ސަރުކާރުގެ މިފިޔަވަޅާބެހޭ ގޮތުން އެގައުމުގެ ޚާރިޖިއްޔާ އިން ބުނީ "ސަޢޫދީ އަރަބިޔާގައި ހުންނެވި ސްރީލަންކާގެ ސަފީރު އަނބުރައި ސްރީލަކންކާ އަށް ގެންގޮސްފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ސްރީލަންކާގައި ހުންނަވާ ސައޫދީ ސަފީރުވެސް ގެނައުމަށް ސައޫދީ ސަރުކާރުން ވެސް ނިންމީ" ކަމުގަ އެވެ. ސަޢޫދީ ސަފީރު ގައުމަށް ގެނައީ މަޝްވަރާ ކުރުމަށްޓަކައި ކަމަށް ވެސް ސައޫދީ ޚާރިޖިއްޔާއިން ބުނެފައިވެ އެވެ. ސައޫދީ އަރަބިޔާގައި ހުންނަވާ ސްރީލަންކާގެ ސަފީރު އަނބުރައި ގައުމަށް ގެނަސްފައި ވަނީ ސަޢޫދީ ގެއެއްގައި ހާދިމާއެއްގެގޮތުގައި މަސައްކަތްކުރި ސްރީލަންކާގެ ޒުވާން އަންހެނަކަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމާ ގުޅިގެން މިދޔަ ޖަނަވަރީ މަހުގެ މެދެއްހާ ހިސާބުގަ އެވެ.
ސްރީލަންކާގެ މުސްލިމް ޢާއިލާއަކަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ރިޒާނާ ނަވީކް އަށް މަރުގެ އަދަބު ދީފައި ވަނީ އޭނާ ހިދުމަތްކޮށްދޭ ސައޫދީ ޢާއިލާގެ ހަތަރު މަހުގެ ކުޑަކުއްޖަކު މަރާލުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ކަމަށް ސައޫދީ ދާހިލީ ވުޒާރާއިން ބުނެފައިވެ އެވެ. ކަނޑިއަކުންބޯ ބުރިކޮށްލައިގެން ސައޫދީ ސަރުކާރުން މިއަންހެން މީހާއަށް މަރުގެ އަދަބު ދީފައިވަނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އެދި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިންއަބްދުލްޢަޒީޒަށް ސިޓީފުޅެއް ވެސް ފޮނުއްވުމުގެ އިތުރުން އޭނާގެ މަރުގެ އަދަބު ލުއިކޮށް ދިނުމަށް ސްރީލަންކާ ސަރުކާރުން ކުރި އިލްތިމާސްތަކަށާއި ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ސައޫދީ ސަރުކާރުން ބީރުކަންފަތެއް ދިނުމަށްފަހުގަ އެވެ. މިމައްސަލައަށް ފަހު ސައޫދީ އަރަބިޔާ އާއި ސްރީލަންކާގެ ގުޅުންތައް ވަނީ ގޯސްވެފަ އެވެ. މިމައްސަލައާ ގުޅިގެން ރިޔާޟްގައި ހުންނަވާ ސްރީލަންކާގެ ސަފީރު އަނބުރައި ގައުމަށް ގެނައުމަށް ފަހު އަލުން ސައޫދީ އަރަބިޔާ އަށް ފޮނުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ ފަސްޖެހިފަ އެވެ.
ސްރީލަންކާ ފަދަ ކުޑަ އަދި ފަގީރު ގައުމެއްގެ ނިކަމެތި ރައްޔިތަކަށް މަރުގެ އަދަބު ދިންނަމަވެސް އެމެރިކާ ފަދަ ހުޅަނގުގެ ބުރަދަން ހުރި ގައުމެއްގެ ރައްޔިތަކަށް މިފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ އެފަރާތަކާ ދެކޮޅަށް މިގޮތަށް މަރުގެ އަދަބު ތަންފީޒުކުރަން ސައޫދީ ސަރުކާރަށް ނުކެރޭނެ ކަމަށްބުނެ އެދުވަސްވަރު ސްރީލަންކާގެ ނޫސްތަކުން ސައޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެސްވެ އެވެ. ރިޒާނާ އަށް މަރުގެ އަބަދު ދިނުމަށް ފަހު އޭނާގެ ހަށިގަނޑު އޭނާގެ ޢާއިލާއާ ޙަވާލުކުރުމަށް ސައޫދީ ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް ރިޒާނާގެ މަންމަ މިދިޔަ ޖަނަވަރީ މަހު ބުނެފައިވެ އެވެ.
ރިޒާނާގެ މަރުގެ އަދަބާ ގުޅިގެން ސްރީލަންކާ އިން ވަނީ އުމުރުން 25 އަހަރުން ދަށުގެ ސްރީލަންކާގެ އަންހެނުން ސައޫދީ އަރަބިޔާގައި ޚާދިމާއިންގެ ގޮތުގައި މަސައްކަތް ކުރުން މަނާކޮށްފަ އެވެ. ސައޫދީ އަރަބިޔާގެ ގެތަކުގައި ޚާދިމާއިން ގެގޮތުގައި ގެންގުޅޭ ސްރީލަންކާއާއި އިންޑޮނީޝިޔާ ފަދަ ގައުމުތަކުގެ އަންހެނުން އެގެތަކުގެ ބޮޑެތި މީހުންނާއި ކުޑަކުދިން މެރުމުގެ ޖަރީމާތައް ވަރަށް ގިނައިން ހިންގާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިފަދަ ޖަރީމާތައް ހިންގަނީ ޚާދިމާއިންނާ މެދު ސައޫދީ ޢާއިލާތަކުން ކަންތައްތައް ކުރާ އަނިޔާވެރި އަދި އިހާތާންތެރި ގޮތްތަކާ ގުޅިގެން ބަދަލުހިފުމުގެ ރޫހެއްގައި ކަމަށް ވެސް މިރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)