ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ ކޮށް ކުރަމުން އަންނަ މުޒަހަރާ ސިލްސިލާގެ ތެރެއިން ރޭ ކުރި މުޒާހަރާ ހަމަ ނުޖެހުމެއް ނުހިންގައި ސުލްހަވެރިކަމާ އެކު ނިންމާލައިފި އެވެ.

ސޯސަން މަގުގައި ހުންނަ ނާދީ އިމާރާތް ކުރިމަތީ އެމްޑީޕީން ކުރި މުޒާހަރާގައި މިރޭ ޝުއޫރު ފާޅުކޮށް އަޑު އުފުލާފައިވާއިރު އެއްވެސް ފުލުހަކާ ދެމެދު ހަމަ ނުޖެހުމެއް ނުހިނގަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށްބުނެ އެމްޑީޕީން މާލެ ތެރޭގައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިން އެ ސަރައްދު ދޫކޮށް ގޮސްފައިވަނީ ހުއްޓާނުލައި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

އެމްޑީޕީން މިރޭ ކުރި މުޒާހަރާގައި ހަމަ ނުޖެހުންތައް ހިނގާފައިނުވި ނަމަވެސް އިއްޔެ މެންދުރުފަހު އެ ޕާޓީން ކުރި މުޒާހަރާގައި އާންމުނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ކުރިމިނަލް ކޯޓު އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އެމްޑީޕީން " ރައީސް ނަޝީދުގެ ހިމާޔަތުގައި " ކަމަށް ބުނެ ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުން އަންނަތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު މުޒާހަރާތަކުގައި މީގެ ކުރިން ފުލުހުންނާއި އާންމުނާ ދެމެދު ހަމަ ނުޖެހުންތައް ހިނގާފައިވެ އެވެ.