ސިއްހީ ދާއިރާއިން ފާހަގަ ކޮށްލެވޭ އާ ހޯދުންތަކާއި، އާ ފަރުވާތައް ހޯދާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމަށް އަމާޒުކޮށްގެން "ބުރޭކްތުރޫ ޕްރައިޒް އިން ލައިފް ސައިންސަސް ފައުންޑޭޝަން" ގެ ނަމުގައި ގޫގަލްގެ އެއް ބާނީ ކަމަށްވާ ސަރުގޭ ބްރިން އާއި، ފޭސްބުކުގެ ބާނީ މާކު ޒުކާބާގާއި ވެންޗާ ކެޕިޓަލިސްޓް ޔޫރީ މިލްނާ ގުޅިގެން ފައުޑޭޝަނެއް އުފައްދައިފި އެވެ.

ބުރޭކްތުރޫ ޕްރައިޒް އިފްތިތާހުކުރެވުމުން، މިހާރު ދުނިޔޭގައި ދެވޭ އެންމެ އަގުބޮޑު އެވޯޑު ކަމަށްވާ ނޮބެލް ޕީސް ޕްރައިޒަށް ވުރެ އަގުބޮޑު އެވޯޑަކަށް ބުރޭކްތުރޫ ޕްރައިޒް ވެގެންދާނެ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ.

ނޮބެލް ޕީސް ޕްރައިޒް ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާގެ އިނާމުގެ ގޮތުގައި މިހާރު 1.1 މިލިއަން އެމެރިކާ ޑޮލަރު ލިބޭ އިރު، ބުރޭކްތުރޫ ޕްރައިޒްއިން ދޭ 11 އެވޯޑުގެ ތެރެއިން ކޮންމެ އެވޯޑަކަށް ވެސް ފައިސާގެ އިނާމުގެ ގޮތުގައި 3 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހުށަހަޅާފަ އެވެ.

މިއެވޯޑު އިފްތިތާހު ކުރެވުމުން، މިހާތަނަށް އެކަށީގެންވާ ޝިފާއެއް ނުވަތަ ފަރުވާއެއް ހޯދިފައި ނުވާ ކެންސަރު ބަލި، ހަކުރު ބަލި، ހަނދާން ނެތޭ ބަލި ފަދަ ބަލިތަކަށް ފަރުވާއެއް ހޯދުމަށް ދިރާސާ ކުރަމުންދާ ސައެންސްވެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގޫގަލްގެ ކޯ-ފައުންޑާ ސަރުގޭ ބްރިންގެ އިސްނެގުމުގެ ދަށުން އިފްތިތާހުކުރެވޭ މިފައުންޑޭޝަންގައި ފޭސްބުކުގެ ބާނީ މާކު ޒުކާބާގާއި ވެންޗާ ކެޕިޓަލިސްޓެއް ކަމަށްވާ ޔޫރީ މިލްނާ ހިއްސާވާއިރު، މިފައުންޑޭޝަންގެ ޗެއާމަނެއްގެ ގޮތުން ހަރަކާތްތެރިވާނީ އެޕަލް ކުންފުނީގެ ޗެއާމަން އާޓް ލެވިންސަން އެވެ.