20 Feb 2013, 22:26
ނޯވޭ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ގްރެޓެ ލޮޗެން އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށް ފަހު ނޯވޭގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ނޯވޭއާ ދެމެދު އޮތް ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް ވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުން ދެމުން ގެންދާ އަހަންމިޔަތުކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި މިދާއިރާ އިން ނޯވޭ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
ނޯވޭ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި ނޯވޭ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް އަބަދު ވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.