20 Feb 2013, 22:15
މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މާދަމާ ރޭ 9:00 ޖަހާއިރު ކުޅޭ "މައިލޯ ޗެރިޓީ ޝީލްޑް މެޗަކީ" ސީޒަންގެ ފޯރި ގަދަވެގެންދާނެ ވަރުގަދަ މެޗެއް ކަމަށް މެޗުގައި ވާދަކުރާ ދެޓީމް ކަމަށްވާ ނިއު ރޭޑިއަންޓާއި މާޒިޔާގެ ކޯޗުން ބުނެފި އެވެ.
އެއްލަކަ ރުފިޔާ ލިބޭ، ފޯރިގަދަ ޗެރިޓީ ޝީލްޑް މެޗް މާދަމާ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ނިކުންނަ ދެ ޓީމަކީ އެންމެ ފަހުގެ ދިވެހި ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓާއި އެފްއޭކަޕް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެވެ. އަދި އެ ދެ ޓީމަކީ މިއަހަރު އޮންނަ އޭއެފްސީ ކަޕުގައި ރާއްޖެ އިން ވާދަކުރާ ހަމައެކަނި ދެ ޓީމެވެ.
މާދަމާ ރޭގެ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ، މާދަމާ ރޭގެ މެޗަށް އެތީމުގެ ކުޅުންތެރިން ތިބީ ވަރަށް ފުރިހައަމައަށް ތައްޔާރުވެ، ސީޒަންގެ ފުރަތަމަ މެޗް ކާމިޔާބު ކުރުމަށް އެއް އަޒުމެއްގައި ކަމަށެވެ. އެހެންނަމެވެސް ޓީމުގެ ބައެއް ކުޅުންތެރިންނަށް ކުދި ކުދި އަނިޔާއާ ކުރިމަތި ލާންޖެހުނަސް ނުކުޅެވޭވަރުގެ ބޮޑު އަނިޔާއެއް އެއްވެސް ކުޅުންތެރިއަކަށް ލިބިފައި ނުވާ ކަމަށް ޕޮޕޯފް ބުންޏެވެ.
"ޓީމް އޮތީ މާދަމާރެއަށް ވަރަށް ފިޓްކޮށް. މާދަމާ ރޭގެ މެޗަކީ ފޯރިގަދަ ވެގެން ދާނެ ވަރަުގަދަ މެޗެއް. މެޗަށް ނިކުންނާނީ އުންމީދާއެކު މޮޅުވާން" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފް ބުނީ، މާދަމާ ރޭގެ މެޗުގެ އިތުން މިސީޒަންގައި ނިއުއަށް ދެން އެންމެ މުހިންމު އެއް މުބާރާތަކީ އޭއެފްސީ ކަޕް ކަމަށާއި އެހެން ކަމުން މަދަމާ ރޭގެ މެޗަކީ އެމުބާރާތާ ނިއުން ކުރި މަތިލާއިރު، ކޮންމެ ހެން ވެސް ކާމިޔާބު ކުރަން ވަރަށް މުހިންމު މެޗެއް ކަމަށެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ އޭއެފްސީ ކަޕުގެ ކުރިން ނިއު ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް މެޗެއް ކުޅެލެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެގޮތުން މާދަމާ ރޭގެ މެޗަށް އޭނަގެ ޓީމް އޮތީ ވަރަށް ފުރިއަހަމއަށް ތައްޔާރުވެ ކަމަށެވެ. އަދި މާދަމާރޭގެ މެޗަށް ނިކުންނައިރު މިއަހަރުގެ ސީޒަނުގައި އެޓީމާ ގުޅުނު ބައެއް ކުޅުންތެރިން ވެސް މާދަމާ ރޭގެ މެޗުގައި ފެންނާނެ ކަމަށް އިންމަ ބުންޏެވެ.
ސީޒަން ހުޅުވާ މެޗުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި ނަމަވެސް، މިއަހަރުގެ ދިވެހި ލީގު ހުޅުވާ މެޗުގައި ވާދަކުރާނީ ނިއު އާއި ވީބީ އައްޑޫ އެފްސީ އެވެ. މިމެޗް ކުލޭނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
މި އަހަރުގެ ލީގުގައި ވާދަކުރާނީ މި ދެ ޓީމުގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާ އާއި މާޒިޔާ އާއި ބީޖީ ސްޕޯޓްސް އާއި އޭވައިއެލް އަދި ކްލަބް އީގަލްސް އެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބީޖީ އަކީ ލީގުގައި އަލަށް ވާދަކުރާ ޓީމެކެވެ.
ޗެރިޓީ ޝީލްޑަކީ ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަންޖެހެ އެވެ.
ފާއިތުވި ތިން އަހަރު ސީޒަން ހުޅުވި މެޗް ކާމިޔާބު ކޮށްފައި ވަނީ ވީބީ އައްޑޫ އެފްސީއެވެ.