20 Feb 2013, 22:12
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ހާއްސަ ސަފީރު ގަބުރިއެއްލާ ކުނާލް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސާފު ކުރެއްވުމަށް އެދިވަޑައިގެންނެވި މައުލޫމާތުތައް އެ ކޮމިޝަނުން އެ ކަމަނާއާ ހިއްސާކޮށްފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ ގަބުރިއެއްލާ އެދިވަޑައިގެންނެވީ އެ ކޮމިޝަންގެ މިނިވަންވެފައި އޮތުމުން ޖޭއެސްސީން ޝަކުވާތައް ބަލައިގަންނަ ގޮތާއި މައްސަލަތައް ބެލުމުގައި ތަހުގީގީ މަރުހަލާތައް ކުރިއަށްދާ ގޮތް ފިޔަވަޅު އަޅަމުންދާ ގޮތް އޮޅުން ފިލުވައި ދިނުމަށް ކަމަށެވެ. އަދި އެ މައުލޫމާތުތައް ކޮމިޝަންގެ މެންބަރުންނާ އެކު ގަބުރިއެއްލާ މިއަދު ބޭއްވި ބައްދަލުވުމުގައި ހިއްސާކުރައްވާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަންކަމާ އެކު ހިނގަމުންދޭތޯ ބެލުމަށް ގަބުރިއެއްލާ ރާއްޖެއަށް ކުރައްވާ ދަތުރުފުގައި މިއަދު ޖޭއެސްސީގައި ބޭއްވި ބައްދަލުވުމުގާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބުނީ ކޮމިޝަންގެ މަަސައްކަތްތަށް އިތުރަށް ހަރުދަނާ ކުުރުމަށް ބޭނުންވާ ކަންތައްތަކާ ބެހޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން މިއަދުގެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހުށަހަޅައި ދެއްވި ކަމަށެވެ.
"އެ ބައްދަލު ވުމުގައި ކޮމިޝަންގެ މަސައްކަތް ތަށް ތަރުތީބު ކޮށްފައިވާ ގޮތާއި ބެހޭ ގޮތުން އެކަމަނާ އަށް މައުލޫމާތު އެރުވުނު. އަދި ހުށަހެޅޭ ޝަކުވާތަށް ބެލުމުގައި ކޮމިޝަނުން ގެންގުޅޭ އުސޫލުތަކާ ބެހޭ މައުލޫމާތު ވެސް އެރުވުނު،" އެ ކޮމިޝަނުން ބުންޏެވެ.
ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށް ވާހަކަދެއްކި ކަންތައްތަކުގެ ތަފްސީލެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ގަބްރިއެއްލާ ރާއްޖެ ވަޑައިގަތީ އެމަގާމުގައި ކުރިން ހުންނެވި ލިއެންޑްރޯ ޑެސްޕޯއީގެ ޒިޔާރަތަށް ފަހު ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް، ކަމަށެވެ. އެކަމަނާ ރާއްޖޭގައި ކުރައްވާނެ ކަމަކީ ރާއްޖޭގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން އޮތް މިންވަރު ވަޒަން ކުރެއްވުމާއި 2008 ވަނަ އަހަރު ރާއްޖޭގައި ތަސްދީގު ކުރި އާ ގާނޫނު އަސާސީއާ ގުޅޭ ގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމު އޮމާންކަމާ އެކު ރަނގަޅަށް ހިނގާތޯ ބެއްލެވުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ދިވެހި ސަރުކާރާއި ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުންޏެވެ.
އެކަމަނާ ވަނީ މިދިޔަ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ވެސް ބައްދަލު ކުރައްވައިފަ އެވެ.