11 Oct 2010, 09:20
އެމްޑީޕީ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރަން ބޭނުން ފަރާތްތަކަށް، އަލުން މިއަދު ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ކުރިމަތިލުމުގެ ފުރުސަތު، ބަންދުކުރާނީ އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ދުވަހެއް އިޢުލާން ކުރުމުން ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ ކުރިން ހުޅުވައިލި ފުރުސަތު ބަންދު ކުރުމަށް ފަހު އަލުން ފުރުސަތު ހުޅުވައިލީ ލޯކަލް ކައުންސިލް އިންތިހާބަށް ތަޢްލީމީ އަދި ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމަނިކުފާނުގެ ރޭޑިއޯ ތަގުރީރުގައި ވިދާޅުވުމުން، ރައީސްގެ އެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.
"މީގެ އިތުރުން ބައެއް ފަރާތްތަކުގެ ރިކްއެސްޓްވެސް އައީ އިލެކްޝަނުން ތާރީހެއް ވެސް ކަނޑަ ނާޅަނީ މާ އަވަހަށް ފުރުސަތު ބަންދުކުރުމުން ފުރުސަތު ގެއްލޭ ކަމަށް ބުނެ،" ޝާހު ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓް ހޯދުމަށް އަލުން ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލި އިރު، ކުރީ ބުރުގައި 12000 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފަ އެވެ. ޝާހު ވިދާޅުވީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލު ނުވާނެ ކަމަށާއި އަލަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކާއި ކުރިން ކުރިމަތިލީ ފަރާތްތައް ވެސް ގުނާނެ ކަމަށެވެ.
ކުރިން ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ތައުލީމީ ބޭފުޅުންނާއި ތަޖުރިބާހުރި ބޭފުޅުން ނެތީތޯ ދެންނެވުމުން ޝާހު ވިދާޅިވި އެފަދަ ފަރާތްތައް ތިބި ކަމަށާއި ނަމަވެސް އިތުރުރަށް ފުރުސަތު ދޭން ބޭނުންވީ ކަމަށެވެ.