20 Feb 2013, 18:22
ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (ވީސީޑީއާރު)ގެ ދަށުން ރާއްޖޭގައި ހުރި އިންޑިއާގެ އެމްބަސީގެ ހިމާޔަތުގައި މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް އެމްބަސީއެއްގެ ތެރޭގައި ޣައިރު ގާނޫނީ ކަމެއް ކުރާނަމަ އެކަމުގައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
~
ރާއްޖެއިން ކަންބޮޑުވާ ކަންތައްތަކާ ގުޅޭ ގޮތުން "އިންފޮމޭޝަން ނޯޓެއް" ހަވާލު ކުރުމަށް އިންޑިއާ ހައި ކޮމިޝަނަރު ޑީއެމް. މުލޭ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރުމުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް ފޮރިން މިނިސްޓަރު ޖަވާބު ދާރީ ކުރުމުވުމަށް މިއަދު ހާޒިރު ކުރުމުން އޭނާ ވިދާޅުވީ އިންޑިއާ ހައި ކޮމިޝަންގައި ރައީސް ނަޝީދު "ހުންނެވީތީއޭ ކިޔާފައި އެތަނުގެ ހުއްދަނެތި ފުލުހުން އެތަނަށް ނުވާންނާނެ" ކަމަށެވެ. ވިއެނާ ކޮންވެންޝަންގެ ދަށުން އިންޑިއާގެ ހައި ކޮމިޝަނަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށްދޭ ކަމަށް ސަމަދު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީން މާލެ ތެރޭގައި ކުރަމުންދާ މުޒާހަރާތައް ރާވައި، ހަމަނުޖެހުންތަކަށް މަގުފަހިކޮށް އިންޑިއާ ހައި ކޮމިޝަންގެ ތެރޭގައި އެމްޑީޕީން "ސިޔާސީ ބައްދަލުވުންތަކެއް" ބާއްވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ތުހުމަތުކޮށް، މުލޭއަށް އަންގާފައި ވަނިކޮށް ސަމަދު ވިދާޅުވީ އެމްބަސީއެއް ހުންނަ ގައުމެއްގެ ގާނޫނާ ހިލާފަށް އެތަނުގެ ތެރޭގައި ކަންތައްތަކެއް ކުރާނަމަ އެކަމުގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އެކަމުގައި އަމަލު ކުރާނެ "ވަރުގަދު އުސޫލެއް" ވިއެނާ ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.
"...އެކަމަކު ދަންނަވަންޖެހޭ އެއްޗަކީ އެއްވެސް އެމްބަސީއެއްގެ ތެރޭގައި އެ އެންބަސީ ހުންނަ ރަށެއް [ގައުމެއް]ގެ ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރެވޭނަމަ އެކަމާ ވާހަކަދައްކައި އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނެ،" ސަމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްބަސީގެ ތެރޭގައި ޣައިރު ގާނޫނީ ކަމެއް ކުރާނަމަ، އެތަނަށް ކަމާބެހޭ އިދާރާއަކުން ވަދެވޭނީ އެމްބަސީ އެންމެ އިސް މީހާގެ ހުއްދަ ހޯދައިގެން ކަމަށެވެ.
އެގޮތުން އިންޑިއާގެ އެމްބަސީއަށް ފުލުހުންނަށް ވަދެވޭނީ ޑީއެމް. މުލޭ ހުއްދަ ދެއްވުމުން ކަމަށާއި އެފަދަ ހުއްދައަކަށް އެދެވޭނީ ވެސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށް ސަމަދު ވިދާޅުވި އެވެ. ސަމަދު ވިދާޅުވީ އެތަނަށް ފުލުހުން ވަދެދާނެ ކަމަށް ވާހަކަތަކެއް ދެއްކި ނަމަވެސް "އެއީ ހިތައް އަރުވާލެވޭނެ ކަމެއް" ވެސް ނޫން ކަމަށާއި ވިއެނާ ކޮންވެންޝަނާ ހިލާފަށް ފުލުހުން އެތަނަށް ނުވަންނާނެ ކަމަށް ސަމަދު ވިދާޅުވި އެވެ.
"އެއީ އެއްވެސް ހާލެއްގައި ހިތައް ވެސް އަރުވަންޖެހޭ ވާހަކައެއް ނޫން. ރައީސް ނަޝީދު އެތާނގައި ހުންނަވަނިކޮށް ބަޔަކު މީހުން 'ސްޓޯރޯންގް' ކޮށްގެން އެ ބޭފުޅާއަށް ގެއްލުމެއް ދެވިދާނެ ކަމަށް. އެކަމެއް ނުވާނެ. އަޅުގަނޑުމެން ވެސް އެކަމެއް ވިޔަކަ ނުދޭނަން،" ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.