20 Feb 2013, 17:57
ރާއްޖޭގެ ހަރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި 424 މިލިޔަން ރުފިޔާގެ އެއްބަސް ވުމެއްގައި މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
މިއަދު މެންދުރު ބަނޑޮސް އައިލެންޑް ރިސޯޓްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްއާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަންމަނިކާއި އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް މުހައްމަދު ވަހީދުއްދީނާއި އަދި ސަރުކާރުގެ ބައެއް ވަޒީރުން ނާއި ބައެއް ރަށްރަށުގެ ރަށުކައުންސިލަރުން ބައިވެރިވެ ވަޑައިގަތެވެ.
މިއަދު މަގުހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ހަ ރަށަކީ ކޮޅުމަޑުލު ވިލުފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ހއ. ދިއްދޫ އަދި ހދ. ހަނިމާދޫ އެވެ. އެގޮތުން ވިލުފުށީގައި ނުވަމަގު، ވިލިނގިލީގައި 15 މަގު، ތިނަދޫގައި 21 މަގު، ކުޑަހުވަދޫގައި 13 މަގު، ހަނިމާދޫ ގައި 21 މަގު އަދި ދިއްދޫގައި 15 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުހޫރިއްޔާ ވިދާޅުވީ މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ހަރަށުގެ މަގުހެދުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިނަމާލެވޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި އަދި އިތުރު ރައްތަކެއްގެ މަސައްކަތްވެސް އަވަސް މުއްދަތެއްގެ ތެރޭގައި ފެށޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
އަދި މިހާރު މަސައްކަތް ފެށުމަށް ސޮއިކުރެވުނު ހަރަށުގެ ތެރޭގައި ހިމެނޭ ހަތަރު ރަށަކީ ނަރުދަމާގެ ނިޒާމާއި އަދިވެސް އެހެނިހެން ބައެއް މަސައްކަތް ކުރެވިފައި ހުރި ތަންތަން ކަމަށާއި އަދި އޭގެ ތެރެއިން ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވި އޮތް ބޮޑު ދެރަށް ކަމަށްވާ ހަނިމާދޫ އާއި ތިނަދޫގައި އެމަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށެވެ.
"...ނަމަވެސް އޭގެ ތެރެއިން ބޮޑު ދެރަށެއް އެބައޮތް ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވި. އެއީ ހަނިމާދޫ އާއި ތިނަދޫ. މިދެރަށުގައި އަދި މިއޮތީ ނަރުދަމާ ނޭޅި. އެހެންވީމާ މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ނަރުދަމާގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާން އެބަޖެހޭ. އަޅުގަނޑު އުއްމީދު ކުރަން އެންމެ އަވަހަށް ނަރުދަމާގެ މަސައްކަތް ފެށޭ ރަށްތަކުގެ ތެރޭގައި މިދެރަށް ހިމެނިގެން ދާނޭ ކަމަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރަށެއްގެ މަގުތަކުގައި ތާރު އެޅުމަކީ ހަމައެކަނި މަގު ހެދުމެއް ނޫން ކަމަށާއި އަދި އޭގެ ސަބަބުން މުޅިރަށަށް ވަރަށްބޮޑު ތަރައްގީއެއް ލިބިގެން ދާނޭ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ރައްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކެއްގެ އެއްބާރުލުން ލިބިވަޑައިގަންނަވާނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.