ޝަކުވާ ހުށަހަޅާ ފޯމެއް ފޮނުވުން އެއީ ރައީސް އޮފީސް އާދައިގެ ތަނަކަށް ހަދާލުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން ރައީސް އޮފީސް ދެކެނީ "އާދައިގެ ރައްޔިތެއްގެ ގޮތުގައި"ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ހިއުމަންރައިޓްސް އެމްބެސަޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ދައްކާފައިވާ ވާހަކަތަކަށް ރައްދުދެއްވައި ބުރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަހައްމަދު ޝަހީބް މިއަދު އޭނާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ބްރޯޑްކާސްޓަރަކާ ގުޅޭ ގޮތުން ކަންތައްތަކެއް ފާހަގަކުރައްވައި އެ މައްސަލަތައް ބަލައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއް އެ ކޮމިޝަނަށް ފޮނުއްވުމުން ކޮމިޝަނުން ނިންމީ އެއީ ބްރޯޑްކާސްޓަރަކާ ގުޅޭ ގޮތުން ކުރައްވައިފައިވާ ޝަކުވާއެއް ކަމުން އެ ކޮމިޝަނުން ގާއިމްކޮށްފައިވާ "ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމާ ބެހޭ ނިޒާމު"ގެ ތެރެއިން އެކަން ކުރިއަށްގެންދިއުމަށެވެ.

"މަނިކުފާނު ހުށަހަޅުއްވައިފައިވާ ޝަކުވާތައް ވެސް ކުރިއަށް ގެންދަންވާނީ އެ ނިޒާމުގެ ތެރެއިން ކަމަށް ކޮމިޝަނުން ނިންމައި، ފުރިހަމަކުރެއްވުމަށްޓަކައި ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމެއް މަނިކުފާނަށް ފޮނުވުން އެއީ "އާދައިގެ ރައްޔިތަކަށް ރައީސް އޮފީސް ހަދާލުން ކަމަކަށް އަދި މިވެނި ކަމެއް މިވެނި ގޮތަކަށް ކުރާން ދައުލަތުގެ އެންމެ އިސް ވެރިޔާއަށް ލަފާދިނުން ކަމަކަށް ވެސް މި ކޮމިޝަނަކުން ނުދެކެމެވެ. އަދި ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވީ "އާދައިގެ ފޯމެއް" ކަމަށް މަނިކުފާނު މީޑިއާގައި ވިދާޅުވިއިރު، ޝަކުވާއެއް ހުށަހަޅާ ނަމަ ކޮންމެ ފަރާތަކުން ކަމަށް ވިޔަސް ފުރިހަމަކުރަންޖެހޭނީ އެ ފޯމު ކަމާއި ޝަކުވާ ހުށަހެޅުމަށް "ޚާއްސަ ފޯމެއް" މި ކޮމިޝަންގައި ނޯންނަ ވާހަކަ ވެސް މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ބުރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ސަންދާން އަހައްމައިދީއަށް ފޮނުވި ސިޓިގައި ބުނެފައިވެއެވެ.

އަދި އާންމު ރައްޔިތުނާއި ދައުލަތުގެ މުވައްސަސާތަކުން ވެސް އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅުއްވަމުން ގެންދާނީ "ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު"ން ކަމުގައި އެ މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް އެސިޓީ ގައި ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި އިންސާނީ ހައްގުތަކާ ބެހޭ ސަފީރު އަހައްމައިދީ ވިދާޅުވީ ރައީސް އޮފީހުން ސިޓީއެއް މެދުވެރިކޮށް ބްރޯޑް ކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެ ސިޓީގެ ޖަވާބުގައި ފޯމެއް ފުރުވުމަށް ފަހު މައްސަލަ ހުށަހެޅުއްވުމަށް ރައީސް އޮފީހަށް އަންގާފައިވާ ކަމަށާއި އެއީ އެ ކޮމިޝަނުން "އާދައިގެ ރައްޔިތަކަށް ރައީސް އޮފީސް ހަދާލުން" ކަމަށް ދެކޭ ކަމަށެވެ.