އައްޑޫ ސިޓީގައި ބިދޭސީންނާ ގުޅޭ ހިދުމަތްތައް ވީހާ ވެސް ފަސޭހައިން ލިބޭނެ ގޮތެއް ހެދުމަށް އިމިގްރޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އޮންލައިންކޮށް ބިދޭސީން ގެނައުމުގެ ކަންތައްތައް ކުރެވޭނެ އިންތިޒާމެއް އައްޑޫ ސިޓީގައި މިއަދު ތައާރަފްކޮށްފި އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓްގެ ސީނިއާ އިމިގްރޭޝަން އޮފިސަރ އަހުމަދު ނަދީމް މިއަދު ވިދާޅުވީ ބިދޭސީންނާ ގުޅުން ހުރި ހިދުމަތްތައް އައްޑޫއިން ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އާއްމު ފަރާތްތަކުން ހުށަހަޅަމުން ގެންދިޔަ ޝަކުވާއާ ގުޅިގެން މިއަދު ތައާރަފް ކުރި " އޮންލައިން ވިސާ އެކްސްޕެކް ސިސްޓަމް" ގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އެގޮތުން ބިދޭސީންގެ ވޯކް ކޯޓާ ހޯދުމާއި ވޯކް ޕާމިޓް ކާޑް ހެއްދުމާއި އާ ކުރުމުގެ އިތުރުން އެމްލޯޕައިމަންޓް އެޕްރޫވް ކުރުމުގެ ކަންތައްތައް ވެސް މާލެ ނައިސް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" މި ހިދުމަތް އައްޑޫ ސިޓީގައި ތައާރަފްކުރުމާ ގުޅިގެން ދެން ނުޖެހޭނެ ބިދޭސީންނާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މާލެ އަންނާކަށް، އޮންލައިންކޮށް އެހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ޔޫޒާ އެކައުންޓެއް ވެރިފައި ކުރުމަށް އައްޑޫ ސިޓީ ކައުންސިލްގައި ހުންނަ އިމިގްރޭޝަންގެ ކައުންޓަރަށް ދިއުމުން އެކަންތައް ހަމަޖެހިގެންދާނެ،" ނަދީމް ވިދާޅުވި އެވެ.