ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން ސައިކަލާ އެކު 18 އަހަރުން ދަށުގެ ތިން ކުދިން ހުޅުމާލެއިން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ތިން ކުދިންގެ ތެރެއިން އެ ކުއްޖަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ސައިކަލް ދުއްވާފައި ދަނިކޮށް، ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން އެސައިކަލް މަޑުކުރާން އެންގުމުން ވެސް މަޑުނުކޮށް ފިލައިގެން ގޮސް ހުޅުމާލޭ ފެރީ ޓާމިނަލުގައި ހުއްޓާ ކަމަށެވެ.

އެމައްސަލާގައި ހައްޔަރުކުރި އަނެއް ދެ ކުދީން ވެސް ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ތެރޭގައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތިން ސައިކަލުގެ ތެރެއިން ފުރަތަމަ ސައިކަލް ފުލުހުން ހޯދާފައިވަނީ ހުޅުމާލެ ޔޮޓް މެރީނާ ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެއްލާލާފައިވަނިކޮށް ކަމަށާއި އެ ސައިކަލަކީ ފިލާފައިވަނިކޮށް ހުޅުމާލެ ފެރީ ޓާމިނަލް ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާ ދުއްވި ސައިކަލް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދެވަނަ ސައިކަލް ފުލުހުން ހޯދާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާގެ ފަރާތުން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ބަގީޗާ ހިނގުމުގައި ޕާކްކޮށްފައި ހުއްޓަ އެވެ. އަދި ތިން ވަނަ ސައިކަލް ފުލުހުން ހޯދާފައިވަނީ ހުޅުމާލެ ރީތިގަސްމަގާ ޖެހިގެން އޮތް ގަސްގަނޑެއްގެ ތެރެއަށް އެކިވަރުގެ ގެއްލުންދީ އެއްލާލާފައި އޮއްވަ އެވެ.

މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ގެންދަނީ ތަހުގީގު ކުރަމުންނެވެ.