20 Feb 2013, 17:04
އދ. މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރާން އުޅުނު މީހަކު މާމިގިލިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރާން އުޅޭ ކަމަށް ފުލުހުނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިމަހު 18 ވަނަ ދުވަހު މާލެއިން މާމިގިއްޔަށް ދިޔަ ލޯންޗަކުން ފައިބައިގެން ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސް ޗެކްކުރި އިރު އޭނާ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅައިފައި ހުރި އަށް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުން ގެންދާ ކަމުގެ ތުހުމަތުގައި އެރަށުން 19 އަހަރުގެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ޒުވާނާ ދިރިއުޅޭ ގެ ފުލުހުން ގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒްގެ ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.