ދަނޑުވެރިންނަށާއި މަސްވެރިންނަށް ސަބްސިޑީ ދޭނެ އުސޫލެއް ކަނޑައެޅުމުގެ ގޮތުން މަޝްވަރާކުރުމަށް އެ ދެ މައްސަލަ މާލިއްޔަތު ކޮމެޓީ އިން ސަބް ކޮމެޓީއަށް ފޮނުވައިފި އެވެ.

މިއަދު މެންދުރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި އެގޮތަށް ނިންމާފައި ވަނީ އެ ދެ މައްސަލާގައި މަޝްވަރާކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން އެކަންކުރުމަށް ދެ ސަބް ކޮމެޓީ އަށް ފޮނުވުމަށް ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ހުށައެޅުމުން ފާސްވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި މަޝްވަރާކުރުމަށް އުކުލަވާލި ސަބް ކޮމެޓީ އެކުލަވާލީ އެމްޑީޕީ އަށް ދެ މެމްބަރުން އަދި ޕީޕީއެމް އާއި ޑީއާރްޕީގެ އިތުރުން ޖުމްހޫރީ ޕާޓިއަށް އެއް މެމްބަރުން ތިބޭ ގޮތަށެވެ.

ދައުލަތުގެ ބަޖެޓްގައި މި އަހަރު ވެސް މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓްގައި ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޫކުރުމަށް 50 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ.

މަސްވެރިންނަށް ދޫކުރާ ސަބްސިޑީގެ ތެރެއިން ތެލުގެ ސަބްސީޑީގެ ގޮތުގައި އުޅަނދުފަރަށް ފައިސާ ދޫކުރަނީ 72 ހޯސްޕަވަރުން ދަށުގެ އިންޖީނުލީ އުޅަނޑުތަކަށް ވަކި އަދަދެއް، އަދި 72 ހޯސްޕަވަރުން ފެށިގެން 300 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދެއް، އަދި 150 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދަކަށް ފައިސާ ދޫކުރާ ގޮތަށެވެ. ތެލުގެ ސަބްސީ ދޫކުރުމަށް މިދިޔަ އަހަރުގެ 124 އުނޅަދު ވަނީ ފިޝަރީޒްގައި ވަނީ ރަޖިޓްރީކޮށްފަ އެވެ. ފިޝަރީޒް މިނިސްޓްރީގެ މިދިޔަ އަހަރުގެ ދަފްތަރުން ދައްކާ ގޮތުން 7453 ދަނޑުވެރިއަކު ސަބްސިޑީ އަށް ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް އެ ދަފްތަރާ މެދު ގިނަ ޝަކުވާތަކެއް އަންނަންފެށުމުން ކައުންސިލްތަކާ މަޝްވަރާކޮށްގެން ދަނޑުވެރިންގެ ޖުމްލަ އަދަދު ހޯދައި ސަބްސިޑީގެ ފައިސާ ހައްގުވާ ފަރާތްތަކަށް ދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓްގައި ކަނޑައެޅި 100 މިލިއަން ރުފިޔާގެ ތެރެއިން މަސްވެރިންނަށް ދޫކޮށްފައި ވަނީ 10.8 މިލިއަން ރުފިޔާ އެވެ.