20 Feb 2013, 17:00
މިއަދު މެންދުރު ފަހު މަޖީދިއްޔާ ސްކޫލް ކައިރީ އެމްޑީޕީން ކުރަމުންދިޔަ މުޒާހަރާގައި މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުންދިޔަ ކުދިނަށް އުނދަގޫ ވާވަރަށް އަޑު ގަދަކުރާ އިން ލަވަޖަހަމުންދާތީ ލައުޑު ސްޕީކަރު ހަރުކޮށްފައި ހުރި ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްޑީޕީން ގެންގުޅުނު ޕިކަޕް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ސަރައްހަދުގައި މުޒާހަރާކޮށް އަޑު ގަދަ ކުރަމުންދިއުމުގެ ސަބަބުން ސްކޫލްގައި ކިޔަވާން ތިބި ކުދީނަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށް ބުނެ އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުކުރުމަށް ފަހު ނުދިއުމުންނެވެ.
ކުރީގެ ނާދީ އިމާރާތް ކުރިމަތީ މުޒާހަރާ ކުރަމުންދަނިކޮށް އެ ސަރަހައްދު ދޫކޮށް ދިނުމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންސް އާ ހިސާބަށް މުޒާހަރާގެ ބައިވެރިން ފަހަަތަށް ޖައްސާފައިވާ އިރު އެ ސަރައްދުގައި ވަނީ ފުލުހުނާއި އާންމުނާ ދެމެދު ހަމަނުޖެހުން ހިނގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެމްޑީޕީން މިއަދު ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް ކުރިމައްޗަށް އެއްވެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއްއިޒު މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ މުޒަހަރާ ވެސް ކުރި އެވެ.
އެމްޑީޕީން މާލޭގެ މަގުތަކުގައި މުޒަހަރާ ކުރަމުންދަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެވެ.