20 Feb 2013, 16:41
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން އިންޑިއާއިން ބޭނުންކަމަށާއި ދެގައުމުގެ ވާހަކަތައް އަދިވެސް ކުރިއަށް ދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.
އިންޑިއާއިން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ހާއްސަ މަންދޫބު، ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ އާއި ފޮރިން މިނިސްޓްރީގެ އޮފިޝަލުން މިއަދު ބޭއްވެވި ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ ޕޮލިޓިކަލް އެފެއާޒް ކާތިގޭޔަން ވިދާޅުވީ މިއަދުގެ ވާހަކަތަކުން އެއްވެސް ކަމެއް ނުނިމޭ ކަމަށެވެ.
ނަމަވެސް ވާހަކަތައް އަދި އޮތީ ކުރިއަށް ކަމަށާއި ސުލްހަވެރި ހައްލެއް ހޯދައިދޭން، ރާއްޖެއަށް އެހީވާން އިންޑިއާއިން ބޭނުންވާ ކަމަށެވެ.
"ރާއްޖޭގައި މައްސަލަތަކެއް އޮންނާކަން އިންޑިއާ ބޭނުމެއް ނުވޭ، ވާހަތައް އަދިވެސް ކުރިއަށް ދާނެ، އިންޑިއާއިން ބޭނުންވަނީ މިހާރު ދިމާވެފައި އޮތް މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދޭން، ރާއްޖެއަށް އެހީތެރިވާން،" ކާތިގޭޔަން ވިދާޅުވިއެވެ.
ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ކުރި އަމުރެއް ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އިންޑިއާ ހައިކޮމިޝަނުން ހިމާޔަތް ހޯއްދެވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން އެމަނިކުފާނު އަދިވެސް ހުންނެވީ އެތާނގައެވެ. އެމައްސަލައިގާ ރާއްޖެއާ އިންޑިއާ ސަރުކާރާ ދެމެދު ވާހަކަތައް ފަށާފައި މިވަނީ ވަރަށް ގިނަ ބަސްތައް ދެފަރާތުން ވެސް ރައްދުކުރުމަށް ފަހުގައެވެ.