ދޫންޏާއި ޖަނަވާރު އެތެރެކުރުމުގެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މި ބިލާ މެދު ބަހުސްކުރައްވައި ނިންމެވުމުން ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް ނެގި ވޯޓްގައި ބިލް ބަލައިގަތުމަށް ވޯޓުދެއްވީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 26 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ 35 މެންބަރުންނެވެ. އެހެންކަމާއެކު ބިލު ބަލައިގަތުމަށް ވަނީ ފާސްނުވެ އެވެ.


މިއަދުގެ ޖަލްސާގައި އެ ބިލް ބިލައިގަތުމަށް 31 ވޯޓް ލިބެންޖެހެ އެވެ.


ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާޒު ހުށަހެޅުއްވި މި ބިލް ފޭލިކޮށްލީ، އިބުތިދާއީ ބަހުސްގައި އިދިކޮޅު މެންބަރުން ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ.


އެ މެންބަރުން ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ނުދެވުމުގެ ސަބަބުން ރައްޔިތުން ނިކަމެތިވެ ބިކަވަމުންދާ މި ދަނޑިވަޅުގައި ދޫނިސޫފާސޫފި އެތެރެކޮށް ހިމާޔަތް ކުރުމުގެ ބިލެއް ހުށަހެޅުމަކީ ވަގުތު ނަގާލުމަށް ސަރުކާރު ނިސްބަތްވާ ފަރާތުން ގަސްތުގައި ކުރި ކަމެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާ މެދު ސަރުކާރުން ބޭނުން ގޮތެއް ހަދަމުންދާ އިރު، އަދި ތަސްދީގު ކުރެއްވުމަށް ރައީސް ނަޝީދަށް ލާޒިމުކޮށް މާލިއްޔަތުގެ ގާނޫނު ފާސްކޮށްފައިވާއިރު ވެސް އެ ގާނޫނު ތަސްދީގު ނުކުރައްވައި މިފަދަ ބިލުތައް މަޖިލީހަށް ހުށަހެޅިއަސް ފާސްނުދެއްވާނެ ކަމަށެވެ.


ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވީ މި ބިލަކީ މުހިއްމު ބިލެއްކަމަށެވެ. ރާއްޖެއަކީ ތިމާވެށީގެ މައްސަލަތައް ދިމާވާ ގައުމަކަށް ވެފައި ދޫނި ސޫފާސޫފި ރައްކާތެރި ކުރުން ފަދަ ތިމާވެއްޓާގުޅޭ ކޮންމެ ކަމަކީ ރާއްޖެއަށް މުހިއްމު ކަމަކަށްވާ އިރު، ދެމެހެއްޓެނިވި ތިމާވެއްޓަކަށް މި ބިލަކީ މުހިއްމު ބިލެއް ކަމަށް އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.


ސާދަ މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ މި ބިލުގައި ދޫންޏާއި ޖަނަވާރު ރާއްޖެ އަށް އެތެރެ ކުރެވޭނެ ގޮތްތަކާއި އެތަކެތި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައަޅާފައިވެ އެވެ. އަދި ބިލުގައި ހިމެނޭ ކަންތައްތަކާ ހިލާފްވާ ފަރާތްތަކާ މެދު ޝަރީއަތްކޮށް އަދަބުތަކެއް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.