މިދިޔަ އަހަރު ފުލުހުން އުސްފަސްގަނޑަށް އެރި ދުވަހު އެ ސަރަހައްދުގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ފަޅާލި ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ލުފްޝާން ޝަކީބުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ސަރަހައްދު ބެރިކޭޑްޖަހައި ފުލުހުން ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑު ފަޅާލައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ލުފްޝާން ވަދެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުވާ އަށް ޖަވާބުދާރީ ވަމުން ލުފްޝާން ވިދާޅުވީ ދައުވާ އަށް އިންކާރު ކުރާކަމަށާއި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފަހު ތިން ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އޭނާ އަށް އެންގުމަށް ފަހު އެވެ.

އެ ދައުވާ ލުފްޝާންގެ މައްޗަށް ސާބިތުވެެއްޖެ ނަމަ މާލޭ ސިޓީ ކައުންސިލްގައި އޭނާ ފުރައްވަމުންދާ މެދުހެންވޭރު ދާއިރާގެ ގޮނޑި ގެއްލޭނެ އެވެ.