މިދިޔަ އަހަރު ފުލުހުން އުސްފަސްގަނޑަށް އެރި ދުވަހު އެތަނުގެ އަމަން ބަލަހައްޓާން ހުރި ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ތ. މަޑިފުށީ ފަރަންސާގޭ ހުސެއިން ފަހީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރާން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:00 ހާއިރު އުސްފަސްގަނޑު ސަރަހައްދުގައި އަމަން ބަލަހައްޓާން ހުރި ފުލުހެއްގެ މޭމަތީގައި އޭނާ ޖަހާފައިވާތީ ކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީ ވަމުން ފަހީމް ބުނީ ދައުލަތުން ކޮށްފައި ވަނީ ކަނޑައެޅިގެން ދޮގު ދައުވާއެއް ކަމަށެވެ. އަދި އެ ދުވަހު އުސްފަސްގަނޑު ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރޭގައި އޭނާ ހުރި ނަމަވެސް ފުލުހަކަށް ހަމަލާދީފައި ނުވާނެ ކަމަށް ވެސް ފަހީމް ބުންޏެވެ.

އޭނާ ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާ ސާބިތު ކުރާން ދެ ފުލުހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަމަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.