20 Feb 2013, 15:55
އެމްޑީޕީ އިން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާއެއްގައި ވީޓީވީގެ ނޫސްވެރިއެއްކަމަށްވާ ރިލްވާން މޫސާ އަށް ދިން ހަމަލާ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް(އައިއެފްޖޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލާގައި އައިއެފްޖޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ އަމާން މާހައުލެއް ނޫސްވެރިންނަށް ގާއިމްކޮށް ދިނުމުގެ ޒިންމާ އޮތް ފަރާތްތަކުން މިހާރަށް ވުރެ ޒިންމާދާރު ދައުރެއް އެފަދަ ކަންކަން ހުއްޓުވުމުގައި އަދާކޮށް ދިނުމުގެ މަގު ފަހިކޮށްދިނުމަށް އެދޭ ކަމަށެވެ.
ރިލްވާނަށް ހަމަލާދިން މައްސަލާގައި އެމްޖޭ އިން ބުނެފައި ވަނީ އެމްޑީޕީ ވިޔަސް އަދި ކޮންމެ ސިޔާސީ ޕާޓީއެއް ވިޔަސް އެ ޕާޓީއަކުން ހިންގާ ހަރަކާތެއްގެ ފޮޓޯ އާއި މަންޒަރުތަކާއި އަޑުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއަކަށްވާ އިރު ތިމާމެންގެ ފިކުރާ ނުގުޅޭ މީޑިއާތަކަށް ހަމަލާދިނުމަކީ ޑިމޮކުރެޓިކް މުޖުތަމައުއެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ނޫސްވެރިންނަށްދޭ ހަމަލާއާ މެދު އެމްޖޭއޭ އާއި އައިއެފްޖޭ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އެމްޑީޕީ އިން މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި ވަނީ ވީޓީވީގެ ދެ ނޫސްވެރިއަކަށް ދެ ރޭގެ މަތިން ހަމަލާދީފަ އެވެ. އަދި އެމްޑީޕީ އިން މުޒާހަރާ ކުރަމުންދާ އިރު ވަކިވަކި މީޑިއާތަކުގެ ނަން ކިޔައި ތަފާތު އިންޒާރުތައް ދިނުމުގެ އިތުރުން ތަފާތު ގޮތްގޮތަށް ދިމާކޮށް ބިރުދައްކާ ހަދަމުންދާ ކަމަށް އެ އިވެންޓްތައް ކަވަރު ކުރާ ނޫސްވެރިން ބުނެ އެވެ.