ޔުނިފޯމްގައި ހުރި ފުލުހަކު ޓެކްސީއަށް އަރުވައިގެން ދަތުރު ކުރާން އިންކާރު ކޮށް އެކަމާ ދެކޮޅު ހެދި މައްސަލައެއް ބެލުމަށް ޓަކައި އެ ޓެކްސީ ހޯދަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ރަޖިސްޓްރާ އިބްރާހީމް ނާޒިމު ވިދާޅުވީ ޔުނިފޯމް ލައިގެން ހުރި ފުލުހަކު މިދިޔަ ހަފްތާ ތެރޭގައި ޓެކްސީ އަކަށް އެރުމުން އޭނާ އެއީ ފުލުހަކަށް ވީތީ ގޮވައިގެން ދަތުރު ކުރާން އިންކާރުކޮށް އޭނާ ޓެކްސީން ބޭލި މައްސަލައިގައި އެ ޓެކްސީ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެެހެން ފަރާތް ތަކާ ގުޅިގެން މިހާރު އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ޓެކްސީ ދުއްވުމުގެ ހުއްދަ އަކީ ސަރުކާރުން ދޫކޮށްފައި އޮންނަ އެއްޗެއް ކަމަށާއި އެ ހުއްދައިގެ ދަށުން ފުލުހަކަށް ނުވަތަ ސިފައިންގެ މީހަކަށް ވީތީ ތަފާތެއް ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ފިކުރުގައި ޖެހިގެން އެފަދަ މައްސަލަތައް މަދުން ނަމަވެސް ފަހަކަށް އައިސް ހިނގަމުން އަންނަ ކަމުގެ ޝަކުވާ ވެސް އެ އޮތޯރިޓީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

"ޓެކްސީދުއްވުމުގެ ހުއްދަ އަކީ ސަރުކާރުން ދޫކޮށްފައި އޮންނަ އެއްޗެއް. ޓެކްސީ ވެދާނެ އަމިއްލަ އެއްޗަކަށް. އަޅުގަނޑުމެން މި ގެންދަނީ އެ ޓެކްސީ ހޯދަމުން. މި މައްސަލައިގައި އެ ޓެކްސީގެ ހުއްދަ ބާތިލް ކުރާނަން. އަދި ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅޭން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނަން،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައި މިވާ ވާދަވެރިކަމުގައި އެއް ޕާޓީއެއްގެ މީހުން ވަންނަ ހޮޓަލަކަށް ވަންނާން ބޭނުން ނުވާ އަނެއް ޕާޓީއެއްގެ މީހުން ވެސް އުޅެއެވެ. އަދި ވަކި ޕާޓީ އަކަށް ނިސްބަތްވާ ވިޔަފާރިވެރިއެއްގެ ފިހާރަތަކުން އަނެއް ޕާޓީއެއްގެ މެމްބަރުން ވިޔަފާރި ނުކުރުމަށް ގޮވާލައި، އެއްވުންތަކުގައި އަޑު އުފުލައިފައި ވެސް ވެއެވެ.