ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކުރާ ދައުވާ އާއި ދެކޮޅަށް އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުނަށް ކިޔަވާނުދެވިގެން ގެއަށް ފޮނުވާލައިފި އެވެ.

ސަން އޮންލައިނާ ވާހަކަ ދެއްކި މަޖީދިއްޔާ ސުކޫލުގެ މެނޭޖްމަންޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެމްޑީޕީ އިން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުނަށް ކިޔަވައިނުދެއްވޭ ކަމަށެވެ. އަދި ކުދިނަށް ކިޔަވައިނުދެއްވިގެން ކުރީ ދުވަހަކު ވެސް ކުދިން ގެއަށް ފޮނުވާލާފައިވާ އިރު މިއަދު ވެސް މުޒާހަރާގެ ސަބަބުން ކިޔަވައިނުދެވިގެން ގެއަށް ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހުތުރުބަހުން މުއާމަލާތުކޮށް އަޑުގަދަކުރުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަމަށެވެ.

"އައުގުރާނަގޮވަމުން އެދަނީ މުޒާހަރާ ކުރާ މީހުން. އަޅުގަނޑުމެންގެ ޓީޗަރުން ދައްކާ ވާހަކަ ކުދިނަކަށް އަޑުނީވޭ އަޑުގަދަކަމުން. މިއަދު ވެސް ކުރިއަށް ގެންދިއުމަށް ނިންމި ގުރުއާން މުބާރާތް ވެސް ކެންސަލް ކުރަން މިޖެހުނީ ހަޑިބަހުން މުއާމަލާތްކުރާ އަޑުގަދަކަމުން،" މަޖީދިއްޔާ ސުކޫލުގެ މެނޭޖްމަންޓްގެ އިސް އޮފިޝަލް ވިދާޅުވި އެވެ.


މަޖީދިއްޔާ ސުކޫލުގައި މެންދުރު ދަންފަޅީގައި ކިޔަވައިދެނީ ގްރޭޑް އަށަކާއި ގުރޭޑް ދޭއްގެ ދަރިވަރުނަށެވެ.

އޭނާ ވިދާޅުވީ މިއަދު އެ ސްކޫލު ކައިރި މުޒާހަރާ ކުރަން ފެށީ އެ ސުކޫލުގެ ކުދިންނަށް ޓެސްޓެއް ކުރިއަށްދިޔަ ވަގުތު ކަމަށާއި ނަމަވެސް މުޒާހަރާގެ ސަބަބުން ޓެސްޓް ކެންސަލް ކުރަން ޖެހުނުއިރު ކުދިން ބަލާއައުމަށް ބެލެނިވެރިނަށް އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް ސުކޫލެއް ކައިރިއަށްއެއްވެ ކުދިންނަށް ނުކިޔެވޭ ގޮތަށާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި އެމްޑީޕީގެ އަދި އެޑިއުކޭޝަންގެ ބަހެއް ވެސް ލިބިފައިނުވާ އިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް މިހާރު ދަނީ މަޖީދިއްޔާ ސުކޫލު ކައިރިއަށް އެއްވެ ރައީސް ނަޝީދުގެ ޝަރީއަތަކީ "ސިޔާސީ ޝަރީއަތެއް" ކަމަށް ބުނެ މުޒާހަރާ ކުރަމުންނެވެ. އަދި އެމްޑީޕީ އިން ދަނީ އެ މުޒާހަރާތައް ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް ކުރިއަށް ގެންދަމުންނެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލަމުންދާ އިރު އެ ދައުވާ އަނބުރާ ގެންދަވާން ނުވިސްނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު މިހާރު ހުންނެވީ އިންޑިއާ އެމްބަސީ ތެރޭގައެވެ.