20 Feb 2013, 15:31
ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ދެވަނަ ފަހަރަށް ކެންސަލް ކޮށްފި އެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރާއެއްގޮތަށް ނަޝީދު ކޯޓަށް ހާޒިރު ކުރެވޭން ނެތްކަމަށް ފުލުހުން މިއަދު ހުޅުމާލޭ ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ނަޝީދުގެ ޝަރީއަތް ކެންސަލް ކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހުވެސް ވަނީ ނަޝީދު ކޯޓަށް ހާޒިރު ނުކުރެވޭތީ ޝަރީއަތް ކެންސަލް ކޮށްފަ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އަދިވެސް ނަޝީދު ހުންނެވީ އިންޑިއަން ހައިކޮމިޝަންގެ ތެރޭގަ އެވެ. އެތާގެ ތެރޭގައި ހުންނެވުމުން ނަޝީދު ހައްޔަރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.
ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ތަންފީޒު ކުރުމަށް އެހީތެރިވެދިނުން އެދި ފޮރިން މިނިސްޓްރީން އިންޑިއާ ހައިކޮމިޝަންގައި ސިޓީއަކުން އެދުނެވެ. ނަމަވެސް އަދިވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަވަނަ ދުވަހުއެވެ. އެ ދުވަހު ވެސް އެމަނިކުފާނު ކޯޓަށް ހާޒިރު ކޮށްފައި ވަނީ ހައްޔަރުކޮށްގެނެވެ. އެދުވަހު ނަޝީދު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުވާ ސާބިތުކުރާން ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ.
ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކޮށްފައިވާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.