ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު އިސްތިއުނާފު ކުރުމަށް ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެ މައްސަލަ ބާތިލްކޮށްފައި ވަނީ ސަބަބެއް އެންގުމަކާ ނުލައި ނަޝީދު މިއަދު ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށެވެ.

އަމިއްލަފުޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ހާޒިރުވާން އެ ކޯޓުން ޗިޓް ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެވަޑައި ނުގެން ނަޝީދު ހުންނެވީ އިންޑިއަން ހައިކޮމިޝަންގެ ތެރޭގަ އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބާއްވާ ޝަރީއަތަށް ނަޝީދު ހާޒިރުކުރާން ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރު ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ކުރި ދައުވާގެ ޝަރީއަތް ބޭއްވުމަށެވެ.

މިއަދު 4:00 އަށް ވެސް ނަޝީދު ކޯޓަށް ހާޒިރުކުރާން ހުޅުމާލޭ ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރު ކުރުމުން އެ އަމުރު އިސްތިއުނާފު ކުރުމަށް ނަޝީދުގެ ފަރާތުން މިއަދު ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގެންފަ އެވެ.