ނ. ކެންދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހަސަން ޒައީމް ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީއޭގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަދި ވަގުތީ ސްޕޯކްސް ޕާސަން އަހުމަދު އާމިރު މިއަދު ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން އިސްތިއުފާ ދެއްވީ އެމްޑީއޭގެ މެންބަރެއް ކަމަށާއި އެ ގޮނޑިއަށް އެމްޑީއޭގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ޕާޓީގެ ކެނދިކުޅުދޫ ސަޕޯޓަރުންގެ ފަރާތުން ވެސް އެދެމުން އަންނަ ކަމަށެވެ.

"ކެނދިކުޅުދޫ އަކީ މިހާރު އެމްޑީއޭގެ ސަޕޯޓު ބޮޑު ރަށެއް. އެ ރަށު ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީއޭގައި. ކައުންސިލުން އިސްތިއުފާ ދެއްވީ ވެސް އެމްޑީއޭގެ މެންބަރެއް. އެހެން ކަމުން އެ ގޮނޑިއަށް އެމްޑީއޭ އިން ކެންޑިޑޭޓަކު ނެރޭނެ،" ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާމިރު ވިދާޅުވި އެވެ.

ކެނދިކުޅުދޫ ކައުންސިލުން އިސްތިއުފާ ދެއްވި ހަސަން ޒައީމް މިއަދު ސަން އަށް ވިދާޅުވީ ކައުންސިލުން އިސްތިއުފާ ދެއްވީ އެމްޑީއޭ އާއި ދެމެދު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި ފުލް ޓައިމް ކޯހެއްގައި ކިޔެވުމަށް މާލެއަށް ބަދަލުވާން ޖެހުމުން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އެބަ އޮވޭ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރަކަށް ނުވުން. އެހެންވީމާ މިއަދު އަޅުގަނޑު ގަބޫލުކުރަނީ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް. އިސްތިއުފާ ދިން އިރު އަޅުގަނޑު މި ހުރީ އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި،" ޒައީމް މިއަދު ވިދާޅުވި އެވެ.

އެމްޑީއޭގެ ފަރާތުން ކެނދިކުޅުދޫ ކައުންސިލަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނު ކޮށްފައިވާ އިރު، އެ ޕާޓީން ދާދި ފަހުން ވަނީ އެ ރަށުގައި ވަރަށް ކުލަ ގަދަ ޖަލްސާއެއް ވެސް ބާއްވައިފަ އެވެ. އެ ޖަލްސާގައި 1000 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވި އިރު އެއީ ޕާޓީގެ ފަރާތުން މިހާ ތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށް އެމްޑީއޭ އިން ވަނީ ބުނެފަ އެވެ.