11 Oct 2010, 08:43
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ރައީސް ނަޝީދު ފޮނުއްވާ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓު ހުށަހެޅުން ބުދަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދާނެ ކަމަށެވެ.
ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި މި ވަނީ، އެ މިނިސްޓަރުން މަޖިލީހުގެ ކޮމެޓީ އަށް އެއްބާރުލެއްވުން، ދެއްވާފައި ނުވާތީ އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ނުކުރެއްވިގެން، އެ މައްސަލަ މަޖިލީހުގެ ތަޅުމުން ނިންމަވައި ދެއްވުމަށް އެދި ކޮމިޓީން މަޖިލީހަށް ރިޕޯޓް ހުށަހަޅާފައި ވަނިކޮށެވެ.
މި ނަންތައް ދިރާސާކުރުމުގެ މަސައްކަތް ހަވާލު ވެފައިވާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ވިދާޅުވެފައި ވަނީ، ވަޒީރުންނަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ އެއްބާރުލުން ކޮމިޓީއަށް ލިބިފައި ނުވުމާއި އެކަމާ ބެހޭ އުސޫލުތަކަކީ، އެބޭފުޅުން ގަބޫލު ކުރައްވާ އުސޫލުތަކަށް ނުވާތީ، ކޮމިޓީގައި އެކަންތައް ކުރިއަށް ނުގެންދެވުނީ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުން ނިންމުމަށް މަޖިލީހަށް ފޮނުއްވީ ކަމަށް ވެސް ހުސެއިން މުހައްމަދު ވިދާޅުވި އެވެ.
ޖޫން 29ގައި އެއްފަހަރާ އިސްތިއުފާ ދެއްވި ވަޒީރުން، ރައީސް ނަޝީދު އަލުން ކެބިނެޓަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. އަދި އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވެވީ، ޖުލައި 13 ވަނަ ދުވަހު އެވެ.
ބުދަ ދުވަހުގެ ޖަލްސާ އަށް މި މައްސަލަ އެޖެންޑާ ކޮށްފައިވާ އިރު، މަޖިލީހުން ރުހުން ނުދީ ގިނަ ވަޒީރުންތަކެއް ފެއިލްކޮށްލާނެ ކަމަށް އިދިކޮޅު ޑީއާރުޕީން ވަނީ އިންޒާރު ދީފަ އެވެ.
ސުނާމީ ބިނާ ސަރަހައްދުގައި ރޭ ބޭއްވި ޑީއާރުޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުން ރުހުން ދިނުމުގައި ރައްޔިތުން ނުރުހޭ ހުރިހާ ވަޒީރުން ފެއިލްކޮށްލައްވާނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. މަހްލޫފު އަދި ވިދާޅުވީ، މިހާރު ތިއްބެވި ވަޒީރުންނަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއްނެތް ބައެއްކަމަށެވެ. އަދި އެބޭފުޅުންނާ ހަވާލުވެފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީވަމުން ނުދާ ކަމަށާއި، އެއްވެސް ކަމަކާ ބެހޭ އެއްވެސް މައުލޫމާތެއް އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ދެމުން ނުގެންދާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަޙީމު ވިދާޅުވީ، ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި، ޑީއާރުޕީން މުހިއްމު ނިންމުމެއް ނިންމާނެ ކަމަށެވެ. އަދި އެ މައްސަލައާ މެދު މަޖިލީހުގައި ބަހުސް ކުރުމުގެ ކުރިން ވަޒީރުން ބަދަލު ކުރުމަށް ވެސް އޭނާ ރައީސް ނަޝީދަށް ގޮވައިލެއްވި އެވެ. އެހެންނޫނީ ކުރިހާ ވަޒީރުން ބޮއްކުރައަކަށް ލުމަށް ފަހު ފުރުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީއަކީ ޕީއޭއާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަމުންދާ ބަޔަކަށް ވާއިރު ޑީއާރުޕީ އާއި ޕީއޭ ކޯލީޝަނުގެ އެއްބާރުލުމެއްނެތި އެއްވެސް ވަޒީރަކަށް މަޖިލީހުގެ ރުހުމެއް ނުލިބޭނެ އެވެ. ޑީއާރުޕީގެ ކޯލީޝަން ޕާޓްނާ ޕީއޭ އިން މީގެ ކުރިން ބުނެފައި ވަނީ އެއްވެސް ވަޒީރަކަށް ރުހުންދިނުމަށް އެޕާޓީން ބޭނުންނުވާ ކަމަށެވެ.