އިންޑިއާގައި ކުޑަ ތިން އަންހެންކުދިން ރޭޕްކޮށް، މަރާލުމަށް ފަހު ވަޅެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ފެނިއްޖެއެވެ.

އިންޑިއާ ފުލުހުންނާ ހަވާލާދީ އޭއެފްޕީ ބުނީ އުމުރުން ހަ އަހަރާ 11 އަހަރާ ދެމެދުގެ އެތިން ކުދިންގެ ހަށިގަނޑު ހުޅަނގު އިންޑިއާގެ ރަށްފުށު ހިސާބުގަނޑެއް ކަމަށްވާ ނާގްޕޫރްގެ ވަޅެއްގެ ތެރެއިން ފެނުނީ މިދިޔަ ހަފުތާގައި ކަމަށެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރުތީ ސިންހް ވިދާޅުވި ކަމަށް އޭއެފްޕީ ބުނީ އެތިންކުދިން ގެއްލުނީ މިދިޔަ ހަފުތާގައި ކަމަށާއި އެކުދިންގެ ހަށިގަނޑުތައް ފެނިފައި ވަނީ އޭގެ ދެ ދުވަސް ފަހުން ކަމަށެވެ.

"އެ ކުދީންގެ ހަށިތައް ފެނިފައި ވަނީ ސްކޫލް ދަބަހާއި ފައިވާނާ ވެސް އެކު ވަޅެއްގެ ތެރެއިން،" ސިންހް ވިދާޅުވި ކަމަށް އޭއެފްޕީ ބުންޏެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އެކުދިން ރޭޕް ކޮށްފައި ވާ ކަން ޕޯސްޓްމޯޓަމް އިން ކަށަވަރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ އެމައްސަލައިގައި ހަތަރު މީހަކާ ސުވާލު ކުރަމުން ދާ ކަމަށެވެ.

އާއިލާއިން ބުނެފައި ވަނީ އެ ތިން ކުދީން ގެއިން ނުކުމެގެން ގޮސްފައި ވަނީ މަންމަ ގޭގައި ނޫޅޭތީ މަންމަ ހޯދުމަށް ކަމަށެވެ.

އެހާދިސާ ކުށްވެރިކޮށް އަވަށުގައި ވަނީ މުޒާހަރާތައް ކޮށްފައެވެ.