ގައުމުގެ ސުލްހަ މަސަލަސް ކަމާއި، އަމަން އަމާންކަން ނަގާލައި ސިފައިންނާއި ފުލުހުންނަށް ހަމަލާދީ ތަންތާނގައި އަލިފާން ރޯކުރާ އިރު އެ މަންޒަރު ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރީނަށް މައުލޫމާތު ދެއްވަމުން ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ މިހާތަނަށް ވެސް ހަނު ތިބީ ޕީޕީއެމްގެ ޒުވާނުންގެ ގޮތްޕަކީ ސަރުކާރު ހިއްސާވާ ޕާޓީއެއްގެ ގޮތްޕަކަށް ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ވަގުތު ޖެހުމުން އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތަކާ ދެކޮޅަށް އަޑު އުފުލާން މަގު މައްޗަށް ނުކުންނާނެ ކަމަށާއި، މުޒާހަރާ ކުރުމަކީ އެ ޕާޓީން ވެސް ދަންނަ ކަމެއް ކަމަށެވެ.

"ގައުމުގެ ސުލްހަ ގެއްލުވާލައި ތަންތާނގައި ހުޅުޖަހައި ސިފައިންނާއި ފުލުހުންނަށް ހަމަލާ ދީ އެމީހުންގެ އާއިލާތަކާ ޖައްސައިލައިގެން އުޅޭ މަންޒަރު ބަލާކަށް ނުތިބޭނަން. އެމީހުންގެ އާއިލާތަކުގެ މީހުން ސްކޫލް ދޮށުން ފެނުނަސް ދިމާކުރަނީ. އަޅުގަނޑުމެންނަށް އަދި ވަގުތު ނުޖެހެނީ،" ނާޒިމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ކޯޓަށް ވަޑައިނުގެން އިންޑިއާ ހައިކޮމިޝަނުގައި ހުންނަވާ މައްސަލަ ވެސް އެ ގޮފިން މިއަދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. އަދި އެމްޑީޕީން ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމުގައި ފާހަގަ ކޮށް އެކަން ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލި އެވެ.