20 Feb 2013, 14:03
ބާ ޖަމާލުއްދީން ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓުމާ ގުޅިގެން އެ އިމާރާތް ހުސްކުރުމަށް ހައުސިން މިނިސްޓްރީ އިން ޔުނިވާސިޓީ އަށް ދީފައިވާ ހަތް ދުވަހުގެ މުހުލަތެއް ދީފައިވީ ނަމަވެސް އެތަނުގެ ދަރިވަރުން އެތަނުން ނުކުންނަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ރައީސް ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރައްވައި އެތަނުގައި ދަރިވަރުންނަށް އަދި ތިބެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.
"ރައީސް އާއި ފެކަލްޓީގެ ޗާންސެލާ ބައްދަލުކުރައްވާފައި އެދިވަޑައިގަތީ އެ އިމާރާތުން ދަރިވަރުން ނުނެރުމަށް. އެގޮތުގެ މަތިން ސަރުކާރުން ވަނީ އެކަންތައް އެގޮތަށް ކުރުމަށް ހައުސިން މިނިސްްޓްރީގައި އެދިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ ފެކަލްޓީ އޮފް އާޓްސް އާއި ޝަރީއާ އެންޑް ލޯ އަދި ސެންޓަ ފޯ އޯޕަން ލާނިންގްގެ ދަރިވަރުން އެ އިމާރާތުން ނުކުންނަން ނުޖެހޭނެ ކަމަށް އެ ޔުނިވާސިޓީން ވަނީ އެތަނުގެ ދަރިވަރުންނާ ބައްދަލުކޮށް ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ޔުނިވާސިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެެެވެ.
ބާ ޖަމާލުއްދީން ހުރި އިމާރާތަކީ މީހުން ވަދެ އުޅުމަށް އެއްގޮތަކަށް ވެސް ކަމުދާ ވަރަށް ވުރެ ހާލު ދެރަ ތަނެއް ކަމަށް ބުނެ ހައުސިން މިނިސްްޓްރީން އެ ޔުނިވާސިޓީ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު އެ އިމާރާތުގައި އެފަދަ މައްސަލައެއް ދިމާނުވަނީސް ވެސް އިމާރާތުން ޖާގަ ހޯދުމަށް އެތައް މައްސަލަތަކެއް މީގެ ކުރިން ވެސް ވަނީ ދިމާވެފަ އެވެ.